އިކޮނޮމިކް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު އިކޮނޮމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރުގެ މަސްއޫލު އޮފީސްތަކުން ތައްޔާރުކޮށް، އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ އަހަރީ މާލީ ބަޔާން ތައްޔާރުކުރުމުގެ އަސާސަކީ އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓޭންޑަޑްސް ]އިޕްސަސް[ ކަމުގައި ވާން ޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ ކަމަށާއި ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އޮޑިޓާ ޖެނެރަލް އަށް ފޮނުވި އަހަރީ މާލީ ބަޔާނުގެ އަސާސް އެގެން ނެތް ކަމަށާއި ފުރިހަމަ މާލީ ބަޔާނެއްގައި ހިމަނަން އިޕްސަސް ސްޓޭންޑާޑް ލާޒިމް ކުރާ ހުރިހާ ބަޔާނެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީން ބަލަހައްޓާ ހިސާބުތަކާއި ފިނޭންސް މިނިސްޓްރީން ޕަބްލިކް އެކައުންޓިން ސިސްޓަމް ބޭނުންކޮށްގެން ބަލަހައްޓާ، އިކޮނިމިކް މިނިސްޓްރީގެ ޖެނެރަލް ލެޖާ އާ ދެމެދު ބޮޑު ތަފާތެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން އާމްދަނީގައި 6.6 މިލިއަން ރުފިޔާ އާއި ހަރަދަށް އަށް މިލިއަން ރުފިޔާގެ ތަފާތެއް ހުރުމާއެކު ވެސް އިކޮނޮމިކް މިނސްޓްރީން އެ ތަފާތު ރިކޮންސައިލް ކޮށްފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭނުންތަކަށް 2010 ވަނަ އަހަރު ހޯދާފައިވާ ހިދުމަތާއި ގަނެފައިވާ ތަކެތި ގަތުމުގައި އަމަލުކޮށްފައި ވަނީ ވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށާއި އެ އަހަރު މިނިސްޓްރީ އަށް ހޯދި ހަރުމުދާ ހަމައަށް ހުރިކަން ޔަގީން ނުވާއިރު މިނިސްޓްރީ އަށް ގަނެފައިވާ ކަމަށް މިނިސްޓްރީގެ ރިޕޯޓުތަކުން ދައްކާ ލެޕްޓޮޕެއް އޮޑިޓް ނިމުމާ ހަމަޔަށް ވެސް ފެނިފައި ނުވާ ކަމަށެވެ. އަދި އެ ލެޕްޓޮޕް ގެއްލިފައިވާ ކަމަށް މިނިސްޓްރީން ބުނާ ކަމަށާއި ނަމަވެސް ކަމާ ބެހޭ ފަރާތަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ 2010 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީގެ އާ އިމާރާތް އިތުރަށް ފުރިހަމަކުރުމަށް 595،930ރ. އަށް އެމް އެސް ކާޕެންޓްރީއާ ހަވާލުކުރި އިރު އިމާރާތުގައި ކުރަން ޖެހޭ މަސައްކަތުގެ ތަފްސީލު އެމްއެސް ކާޕެންޓްރީ އަށް ދީފައި ނުވުމުގެ ސަބަބުން އިތުރަށް 179،629ރ. ހަރަދުކުރަން ޖެހުނު ކަމަށެވެ. އަދި މިޔަރުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ސަރުކާރުން މަނާކުރުމާ ގުޅުމުން މިޔަރުގެ ބައިތައް ބޭނުންކޮށްގެން ސްވެނިއާ އުފައްދާ ފަސް ފަރާތަކަށް ލިބުނު މާލީ ގެއްލުމުގެ ބަދަލުގައި މިނިސްޓްރީން އަށް ލައްކަ ރުފިޔާ ދީފައިވާ ކަމަށާއި ނަމަވެސް އެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ މިނިސްޓްރީގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާއެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މާލީ ބަޔާނުގައި ކޮންމެހެން ހިމަނަން ޖެހޭ ޑިސްކްލޯޒާ ނޯޓްސް ފަދަ މުހިއްމު އަސާސީ މައުލޫމާތު ހިމަނާފައި ނެތުމާއި އެ މާލީ ބަޔާނަށް ރައުޔެއް ދިނުމަށް ބޭނުންވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައި ނެތުމުގެ ސަބަބުން އޮޑިޓާ ޖެނެރަލްގެ ރައުޔެއް ނުދެއްވަ އެވެ.