ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައްކަން ކުރުން ގިނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ހަރަދު ކުރި ގޮތުގެ އޮޑިޓު ރިޕޯޓުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ.

އަދި ރިޕޯޓުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ހާއްސަކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެފައި ވަނީ ހެލްތު މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީގެ ބޮޑު ހިޔާނާތް ފަޅާ އެރިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވުމުން ރައީސް ސޯލިހުގެ ސަރުކާރުން ކޮރަޕްޝަނަށްދޭ "ޒީރޯ ޓޮލަރެންސް" ވަރަށް ރަގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ރައީސް ސޯލިހުގެ ސަރުކާރުން ނުވިއްކާކަށް ހަމަ އެކައްޗެއްވެސް ނެތްކަން މިހިރަ ދަނީ ހާމަ ވަމުން. ރަށަކަސް، ބިމަކަސް، ކަނޑަކަސް، ފަޅަކަސް ވިއްކާ ހުސްކޮށްފި. ރައްޔިތުން ނީލަމަށްލައިފި. ސަރުކާރު ހިންގަން ސޯލިހަށް ނޭނގުމުގެ އަގު އަދާ ކުރަން މި ޖެހުނީ ދިވެހި ރައްޔިތުން. ހިތާމައިގެ ކޮޅެއްވެސް ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރުންގެ މިފަދަ ތުހުމަތުތަކަށް ރައްދު ދެއްވަމުން، މަޖިލީހުގެ ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހަށް ޖާގަދެއްވައި، ކަންކަން ފާހަގަކޮށް އިސްލާހުކުރަމުން އަންނަ ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލިސް އަށް ވެއްދީ އެމްއެންޑީއެފް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި އޮޅުވާލުންތަކާއި ވައްކަން ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއޯއީސީ)ގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެކުންފުނި މެދުވެރިކޮށް ލިބުނު ވެންޓިލޭޓަރު ތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން އޮޓިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވެނޓިލޭޓަރުތަކުގެ މައްސަލާގައި އޭސީސީއިން ނެރުނު ދިރާސާ ރިޕޯޓުގައި އެމައްސަލާގައި ކޮރަޕްޝަނެއް އެކުލެވޭ ކަމަށް ބުނެފައެއް ނެތެވެ. މައްސަލައާ ބެހޭ މައުލޫމާތު ހާމަކުރިއިރުވެސް އެކަމަށް މަގުފަހިވާ މައްސަލަތަކެއް ހުރިކަމުގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެހެންކަމުން އޭސީސި އިން ނެރުނު ރިޕޯޓު އެކުލަވާލި ގޮތް މަޖިލީހުގެ މިނިވަން މުއައްސާސާތަކާ ބެހޭ ކޮމިޓީއިން ބަލައި ދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.