ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއިދިނުމާއެކު ރާއްޖޭގެ ނަންބަރުތައް މައްޗަށް އަރައިގެން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. ސައުވީސް ގަޑިއިރުގެ ތެރޭގައި 200 އަށް ވުރެ ގިނަ ކޭސް ފެނުނު ދުވަހެއް ވެސް ދިޔައެވެ.

ކަންބޮޑުވާ މިންވަރަށް ކޭސްތައް އިތުރުވާން ފެށުމާއެކު، އަނެއްކާވެސް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ބޭރު ތެރެއަށް ނުކުންނަ އިރު މާސްކް އެޅުން މަޖުބޫރުކޮށް، ރޭގަނޑު 10 ގެ ފަހުން ކާފިއު ހިންގަން ވަނީ ފަށައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ބަލި ޖެހިފައިވާ އިތުރު 2،557 މީހަކު ވަނީ ދެނެގަނެވިފައެވެ. އެއީ އެވަރެޖުކޮށް ދުވާލަކަށް 128 ވަރަކަށް ކޭސް އެވެ.

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން، އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ މިންވަރާ މެދު މިވަނީ ސުވާލު އުފެދިފައެވެ. ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ނުދަނީ ކީއްވެގެން ހެއްޔެވެ؟ މައްސަލައަކީ އެޗްޕީއޭ ހެއްޔެވެ؟

"މާސްކް އަޅަން ބުނި ނަމަވެސް މަގުމަތީ އުޅޭ މީހުންނަށް ބަލައިފިނަމަ ކިހާ ގިނަ ނޫންތޯ މަގުމަތީ އުޅޭ މީހުން. މާސްކް އެކަނި އަޅައިގެން ޕްރޮޓެކްޓެއް ނުވާނެ. މާސްކު އަޅައިފަ، ގެއަށްދާ ކޮންމެ ފަހަރަކު އަތްދޮންނަނީ ކާކުތޯ؟ އެކަހަލަ ކަންތަކަށް ކުރިން ސަމާލުކަން ދިންވަރަށް މިހާރު ސަމާލުކަމެއް ނުދެވޭ،" ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާރު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މާސްކް އެޅުމުން ބަލިން ރައްކާތެރިވެވުނީ ކަމަށެވެ. އަދި މާސްކް އަޅައިގެން ބޭރުތެރޭގައި ގިނައިން އުޅުމާއި، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދެމުން އަންނަ އެހެނިހެން އިރުޝާދުތަކަށް ގިނަ ބަޔަކު ބޯނުލަނބާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މާސްކު އެޅުމުގެ އިތުރުން ގައިދުރުކޮށް، ގެއަށް ވަންނަ ކޮންމެ ފަހަރަކު ސައިބޯނި ލައިގެން އަތްދޮވުން، ގިނަ މީހުން ތަންތަނަށް އެއްވެ ނޫޅުމާއި، ކެފޭ ތަކުގައި ސަކަރާތް ޖެހުމުގައި ގިނަ ވަގުތު ހޭދަނުކުރުމަކީ ވެސް ކުރަން ޖެހޭ ކަންކަމެވެ.

ޑރ. އިބްރާހިމް އަފްޒަލް -- ފޮޓޯ: އެންއީއޯސީ

އެޗްޕީއޭގެ ކޮވިޑް ޑޭޝްބޯޑުން ފާހަގަވާ ގޮތުގައި، ބަލި އެންމެ ގިނައިން ޖެހެނީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށެވެ. މިއީ އެންމެ ހަރަކާތްތެރި އުމުރުގެ މީހުންކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، ނަންބަރުތައް އެގޮތަށް ފެނުމުގެ ފަހަތުގައި ސަބަބެއް ވާ ކަމަށެވެ.

"ޒުވާނުންގެ ތެރޭގައި ވަރަށް ގިނައިން މާސްކު ނާޅާ އުޅޭ. އެންމެ ގިނައިން ބަލި މިޖެހެނީ އެ އުމުރު ފުރައަށް ނޫންތޯ؟" ޑރ. ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބަލި ފެތުރުމުން ކޮންޓްރޯލް ކުރެވެން އޮތީ ރައްޔިތުން އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލެނބި މިންވަރަކަށް ކަމަށެވެ.

އެގޮތުން ބޭރަށް ނުކުންނަ އިރު މާސްކް އަޅައި، ކެފޭތަކަށް ދާއިރުވެސް ގައިދުރުކަން ބަހައްޓައިގެން ތިބުމާއި، ވީހާވެސް ބޮޑަކަށް ހަރަކާތްތައް މަދުކުރެވިއްޖެނަމަ އިތުރު ލޮކްޑައުން އަކަށް ނުގޮސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނަމަވެސް މިހާރު މި ދާ ގޮތަށް ނަންބަރުތައް މައްޗަށް ދާނަމަ، އިތުރު ފިޔަވަޅުތައް އަޅައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"އީއޯސީގައި މަޝްވަރާ ކުރުމަށްފަހު، އާންމުންނާވެސް ހިއްސާކުރާނެ އިތުރު ފިޔަވަޅު އަޅަން ޖެހޭނަމަ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެޗްއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ހަގީގީ ނަތީޖާ ފެންނާނީ ތިން ހަފްތާ ފަހުން ކަމަށެވެ.