ވާސޯ (އޮގަސްޓު 21): ޕޮލެންޑުގެ ކެބިނެޓަށް މި އަހަރު ބަދަލުތައް ގެންނަން ނިންމާފައި ވަނިކޮށް އެގައުމުގެ ފޮރިން މިނިސްޓަރު ޔަސިކް ޗަޕުތޮވިޗް އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕޮލެންޑުގައި 2018 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓަރުކަން ކުރެއްވި ޗަޕުތޮވިޗް އިސްތިއުފާ ދެއްވީ އެގައުމުގެ ސަރުކާރަށް ބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން މިދިޔަ ޖުލައި މަހު ރައީސް އަންޑްރޭ ޑޫޑާ ދެއްވި ފަހުންނެވެ. ޑޫޑާ އެފަދައިން ވިދާޅުވީ އޭރު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު ވަރަށް ހަނި އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާ، ދެވަނަ ދައުރެއް ކަށަވަރު ކުރެއްވި ފަހުންނެވެ.

ޕޮލެންޑުގެ ފޮރިން މިނިސްޓްރީން ޗަޕުތޮވިޗް އިސްތިއުފާ ދެއްވީ އެގައުމުގެ އަވަށްޓެރި ބެލަރޫސްގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އޭގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އަމަލު ކުރާނެ ގޮތް ކަނޑައެޅުމުގައި ޕޮލެންޑުން އިސް ދައުރެއް އަދާ ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ބެލަރޫސްގައި މި މަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބު ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ އިންތިހާބަށް ފަހު އެގައުމުގައި އެތައް ހާސް މީހުން ދަނީ ލުކަޝެންކޯގެ 26 އަހަރުވީ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

އެ އިންތިހާބުގައި ލުކަޝެންކޯއާ ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާ ވަނީ ވޯޓުގެ ނަތީޖާ އިއުލާން ކުރި ފަހުން ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ. އަދި ގައުމު ދޫކުރައްވާ ވަޑައިގަންނަވަން ޖެހުނީ އޭނާގެ އާއިލާއަށް އޮތް ނުރައްކަލެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.

ބެލަރޫސްގެ ރިޔާސީ އިންތިހާބު އަލުން ބޭއްވުމަށް ގޮވާލި ގައުމުތަކުގެ ތެރޭގައި ޕޮލެންޑުވެސް ހިމެނެ އެވެ. އަދި އެގައުމުން ވަނީ ބެލަރޫސްގެ އިގުތިސާދު ރަޝިއާއަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ގޮވާލާފަ އެވެ.

ނަމަވެސް ލުކަޝެންކޯ ވަނީ ޕޮލެންޑުން ބެލަރޫސްގެ ދާހިލީ ކަންތައްތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ގައުމުގެ ބޯޑަރު ކައިރިއަށް ސިފައިން ދިޔުމަށް އަމުރު ކުރައްވާފަ އެވެ.