ނޭޝަނަލް ޓެންޑާ ބޯޑް މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ، ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށާފައިވާ އިރު ޔޫތް މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފުތާއިން ފެށިގެން އާއްމު ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާއިން ފެށިގެން އެ މައުލޫމާތުތައް ހާމަކުރަން ފަށާފައިވާ އިރު، އިވެލުއޭޝަން މަރުހަލާގެ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

މިނިސްޓަރު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަޔަމެންޓްގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފުތާއިން ފެށިގެން ހާމަކުރާނެ ކަމަށެވެ. އަދި މިއީ ބިޑް ކުރާ ފަރާތްތަކަށް މުހިއްމު މައުލޫމާތުތަކަކަށް ވެގެންދާނެ ކަމަށާއި، މި މައުލޫމާތުތައް ރައްޔިތުންނަށް އެނގުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ވެބްސައިޓުގައި ޝާއިއުކޮށްފައި ވަނީ ހަމަ އެކަނި 2020ގައި ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާއެވެ. ނަމަވެސް، އޮގަސްޓް މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ޝާއިއުކުރެވޭނެ ކަމަށް ފިނޭންސް އިން ވަނީ ބުނެފަ އެވެ.

މިދިޔަ ދެ އަހަރު ދުވަހަކީ ހާއްސަކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ރެކޯޑް އަދަދަކަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔަ ދެ އަހަރަށްވާ އިރު، ޕްރޮޖެކްޓްތައް ކުންފުނިތަކާ ހަވާލު ކުރަނީ އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކުންފުނިތައް ބަލާފަ ކަމަށް މަހްލޫފް ވަނީ ކުރިން ވިދާޅުވެފަ އެވެ.