ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 145 މީހަކު ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހީންނާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 11 މީހަކާއި، ލަންކާގެ ފަސް މީހަކާއި އިންޑިއާ 3 މީހުންނާއި، ނޭޕޭލް މީހެއްގެ އިތުރުން، ޖަޕާން މީހަކާއި އުރުދުންގެ ރައްޔިތެއް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 142 ކޭސް އަކާއި، އަތޮޅު ތެރެއިން ފެނުނު ތިން މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 6،370 އަށް އަރައިފައެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3915 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2،431 މީހެކެވެ.

މިއަދު 145 މީހަކު ޕޮޒިޓިވްވި އިރު، 127 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން 100،233 ސާމްޕަލް އެއް ވަނީ ކޮވިޑް19 އަށް ޓެސްޓުކޮށްފައެވެ.

މާލޭ ފިޔަވައި ރާއްޖޭގެ މީހުން އުޅޭ 21 ރަށެއްގައި މިވަގުތު އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ އިތުރުން 10 ރިސޯޓަކުން ދެ ފަތުރުވެރިންނާއި 13 ސްޓާފުން ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

މިވަގުތު 1355 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު، 161 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ކޮވިޑް19 ގައި ރާއްޖެއިން މިހާތަނަށް 24 މީހަކު ވަނީ މަރުވެފައެވެ.