އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަ އަލުން ރިވިއުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި އެދިއްޖެ އެވެ.

އައްސަދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުރިއިރު ގުރުއާން ތަރުޖަމާ ޗާޕްކުރުމުގެ މަސައްކަތުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ކުރިން މައްސަލަ ހުށަހެޅުނެވެ. އެ މައްސަލާގައި މީގެކުރިން އައްސަދަށް ޖިނާއީ ދައުވާ ކުރިއެވެ. ނަމަވެސް މައްސަލަ ފަހުން ވަނީ އަނބުރާ ފޮނުވާލާފައެވެ. ސަބަބެއް ނޭނގެއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅަން ރިވިއުކުރަން އެދި ހުށަހެޅިކަން 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވީ އެމައްސަލަ ރިވިއުކުރުމަށް އޭސީސީއިން ޕީޖީގައި އެދުނީ ޖިނާއީ އިޖުރާއަތު ގަވާއިދާ ހިލާފަށް ކަމަށެވެ. އޮފިޝަލު ވިދާޅުވީ އެމައްސަލާގައި އާދިއްތަ ދުވަހު އޭސީސީއާ މަޝްވަރާކުރާނެ ކަމަށެވެ.

އެމައްސަލައިގެ އިތުރުން އިތުރު 30 މައްސަލައެއް އަލުން ރިވިއު ކުރުމަށް އެދި އޭސީސީއިން ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ. އެއީ ކޮންކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން އޭސީސީއާ ސުވާލު ކުރުމުން އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޕީޖީ އޮފީހާ އެކު މައްސަލަތަކެއްގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ވަކި މައްސަލައެއްގެ މައުލޫމާތު ހާމަ ކުރަން ކޮމިޝަނުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.