11 Jan 2012, 12:45
ތެލެސީމިޔާ ކުދިންނަށް ވެސް އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި “ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަޞްދީގު ނުކުރައްވައި އަލުން މަޖިލިހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ތެލެސީމިޔާ ކޮންޓްރޯލް ކުރުމާ ބެހޭ ބިލަކީ ޑިސެންބަރު 27، 2011 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވުމަށް ފަހު ތަސްދީގުކުރެއްވުމަށްޓަކައި ފޮނުއްވި ބިލެކެވެ.
އެ ބިލާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާފުޅެއް ހޯއްދެވުމަށް ފޮނުއްވުމުން، އެ ބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ބައްލަވާލައްވައި އެ މައްސަލަތަކަށް ރިއާޔަތް ކުރައްވައި އިސްލާހު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސްގެ ސީޓީގައި ވިދާޅުވެފައި ވަނީ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އިންތިޒާމް، މި ބިލުގައި އެކަށައަޅާފައި ވަނީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ނޫން ކަމަށާއި ސިއްހީ ހިދުމަތަކީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައި ބުނެފައިވާ ގައުމީ ނިޒާމްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ހިދުމަތަކަށް ވާތީ ތެލަސީމިއާ ކުދިންނަށްދެވޭ ފަރުވާވެސް އެ ނިޒާމްގެ ތެރެއިން އިންތިޒާމް ކުރެއްވުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"އެބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ ބައެއް މައްސަލަތަކަށް ރިއާޔަތް ކުރައްވައި، އެބިލަށް އިސްލާހު ގެންނެވުމަށް ފެނޭ،" ރައީސްގެ ސިޓީއާ ހަވާލާދީ ރައީސް އޮފީހުން ބުނެފައިވެ އެވެ.