20 Aug 2020, 15:20
އޭލެވެލް އަދި އޭއެސް އިމްތިހާނަށް ތައްޔާރުކުރުވުމުގެ ގޮތުން މާލެ ސަރަހައްދު ގްރޭޑް 11 އާއި ގްރޭޑް 12ގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.
މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމަށްފަހު، ސްކޫލުތަކަށް ހާޒިރުވެ ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމުގެ ސަބަބުން އީދު ބަންދަށްފަހު އަދި ކްލާސްތައް ބާއްވާފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނެފައިވަނީ ކަމާ ބެހޭ ފަރާތްތަކުގެ ލަފާގެ މަތީން، އޭލެވެލް އަދި އޭއެސް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މިނިސްޓްރީއިން އެހެން ބުނެފައިވަނީ ކުރިއަށް އޮތް ދެ ހަފްތާ މާލެ ސަރަހައްދުގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ބުނެފައިވަނިކޮށެވެ.
އަލަށް ގެނައި ބަދަލުގައި ގްރޭޑް 11 އާއި 12ގެ ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔެވި ނަމަވެސް އެހެން ގްރޭޑްތަކަށް ކްލާސްތައް ނަގައިދޭނީ އޮންލައިންކޮށެވެ.
މިނިސްޓްރީއިން ގްރޭޑް 11 އާއި 12ގެ ދަރިވަރުން ސްކޫލަށް ގޮސް ކިޔެވުމަށް ނިންމާފައިވަނީ މިއަހަރުގެ ތެރޭގައި އިމްތިހާނު އޮތުމުންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް އޮތް އޭލެވެލް އިމްތިހާނު ވަނީ މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ބަދަލުކޮށްފައެވެ. އެހެންކަމުން ސްކޫލަށް ގެންގޮސް ކިޔައިދިނުމަށް ހަމަޖެއްސީ އޮކްޓޯބަރު/ނޮވެމްބަރު އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރަން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އަންނަ ހަފްތާއިން ފެށިގެން އެހެން ގްރޭޑްތަކުގެ ކްލާސްތައް އޮންލައިންކޮށް ފަށާއިރު، ކްލާސްތަކުގެ ދިގުމިން ކުޑަކުރުމަށް ވަނީ މިނިސްޓްރީއިން ނިންމާފައެވެ. އެގޮތުން 45 މިނެޓަށް ކިޔަވައިދޭ ގަޑިތައް ދެން ނަގައިދޭނީ 35 މިނެޓަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވެއެވެ.މ