އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިވެހި ރާއްޖޭގެ ދުވުންތެރިންނަަށް އަމާޒުކޮށްގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ދުވުމަށް ރަޖިސްޓްރީވާން މިއަދު ހުޅުވާލައިފި އެވެ.

އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ދުވުމުގެ މި ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ދުވުމެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ މި ދުވުން ހުރިހާ އަތޮޅެއްގައި ވެސް ކުރިއަށް ގެންދަން ހަމޖެހިފައިވާ އިރު ދުވުން ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވެސް ބައިވެރިވެވޭނެ އެވެ. ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާރްތަކަށް މިއަދު އެފުރުސަތު އުރީދުން ވަނީ ހުޅުވާލައިފަ އެވެ.

އަދި މި ހަރަކާތުގެ 15 ކިލޯ މިޓަރު ރިލޭގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ 20 ދުވުންތެރިއެކެވެ.

މި މަހުގެ 28ގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ދުވުން ކުރިއަށް ގެންދަން ރާވާފައިވާއިރު، ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ދުވަން ބޭނުންވާ ރާސްތާއެއް ކަނޑައަޅާ އަންގަން ޖެހޭނެ އެވެ. އަދި އުރީދުން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ހަނދާނީ ލިއުމާއި މެޑަލް ދޭނެ އެވެ.

މި ދުވުން ބާއްވާނީ މި މަހު 28 ވަނަ ދުވަހުގެ ރޭ 12 އިން އިން 29 ވަނަ ދުވަހުގެ ރޭ 12އާ ހަމައަށެވެ.

މީގެ އިތުރުން ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ މި ދުވުމުގެ ޑިރެކްޓަރެެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައި-ރަނާސްގެ ފައުންޑާ އަދި ހެޑް ކޯޗު، ހުސެއިން ޝުޖާއު (ކޯޗު ޝުޖާ) އެވެ.