ކުވައިތު (އޮގަސްޓް 20) : ޕާކިސްތާނުން އިސްރާއީލާ ގުޅުންތައް ގާއިމް ނުކުރާނެ ކަމަށާއި އިސްރާއީލު ފަދަ އަނިޔާވެރި ގައުމަކާ ގުޅުންތައް ގާއިމް ކުރުމަކީ ޕާކިސްތާނުގެ އިންސާނީ ޒަމީރު ތަންދޭ ކަމެއް ނޫންކަމަށް އެގައުމުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެ އެވެ.

އިމްރާންޚާން ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމުން މަހްރޫމުކޮށް އަނިޔާވެރިވަމުންދާ ދިޔުމަކީ ޕާކިސްތާނުގެ ސަރުކާރާ އަދި ރައްޔިތުން ގަބޫލުކުރާ ކަމެއްނޫނެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވުމާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުން ހުއްޓާލުމުގެ ކުރިން އިސްރާއީލަށް އިޢުތިރާފް ވުމަކީ ޕާކިސްތާނުން ނުކުރާނެކަމެއް ކަމަށާއި އެއީ ޕާކިސްތާނުގެ އިސްލާމް ވަންތަކަމުގެ އިތުުރުން އިންސާނީ ޒަމީރު ވެސް ތަންދޭކަމެއް ނޫންކަން އިމްރާންޚާން ފާހަގަ ކުރެއްވި އެވެ.

ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން އިސްރާއީލަށް އިއުތިރާފުވެ އިސްރާއީލާ ގުޅުންތައް ގާއިމްކުރަން ނިންމި މައްސަލައާ ދެކޮޅަށް އަރަބި އަދި އިސްލާމީ އެތައް ގައުމެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާ މި ދަނޑިވަޅުގައި އިމްރާންޚާން ވިދާޅުވީ އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ފަލަސްތީނުގެ ރައްޔިތުން މަރައި އަނިޔާވެރިވަމުންދާ އިސްތިއުމާރީ ގައުމެއްކަމުގައެވެ.

ޕާކިސްތާނުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާންޚާން ވިދާޅުވީ އިސްރާއީލަށް އިޢުތިރާފުވެ އިސްރާއީލާ ގުޅުންތައް އުފެއްދުމަށް ޕާކިސްތާނުން ވިސްނާނީ ވެސް އިސްރާއީލު އިސްތިއުމާރުކޮށްގެންއުޅޭ ފަލަސްތީނުގެ ބިންތަކުން ފާބައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރުސަތު އިސްރާއީލުން ދިނުމުންނެވެ.

ފަލަސްތީނުގެ ހައްގުތަކުގެ މައްސަލައަކީ އިސްލާމީ މައްސަލައެއްގެ އިތުރުން އެއްވެސް ގައުމަކުން އަނެއް ގައުމު އަޅުވެތިކޮށް އަނެއް ގައުމުގެ ބިންތައް ފޭރިގަނެ ހައްގުތައް ނިގުޅައިގަތުމަކީ އަދުގެ ތަހުޒީބު ޒަމާނުގައި ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށާ އެހެންކަމުން ފަލަސްތީނުގެ މައްސަލައަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅުހެދުމުގެ މައްސަލައެއް ކަމަށް އިމްރާންޚާން ސިފަކުރެއްވި އެވެ. އެހެން ގައުމަކުން އިސްރާއީލާ ގުޅުންތައް ގާއިމް ކުރިނަމަވެސް ޕާކިސްތާނުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ބަދަލުނުވާނެކަން އިމްރާންޚާން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ޔޫއޭއީގެ ނަން ވިދާޅެއްނުވެ އެވެ.

ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން އިސްރާއީލާ ގުޅުންތައް ގާއިމްކުރުމަށް ނިންމިކަން ދާދިފަހުން އިއުލާނު ކުރުމުން ފަލަސްތީނުގެ ރައްޔިތުންނަށާ އަދި އަރަބި އިސްލާމީ ގައުމުތަކުގެ ރައްޔިތުންވަނީ ކަންބޮޑުވެފައެވެ. ފަލަސްތީނުގެ ރައްޔިތުންނަށާ އަދި އަވަށްޓެރި އަރަބި ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަމާއި ލާއިންސާނިއްޔަތު ކުރިޔަށް ނެރޭ ހަރުކަށި ގައުމެއް ކަމަށްވާ އިސްރާއީލަށް އިއުތިރާފު ވުމަކީ ބައިނަލްއަގްވާމީ ގޮތުން ވެސް އިންސާނީ ޒަމީރު ތަންދޭކަމެއް ނޫންކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޣައިރު މުސްލިމް ޖަމާއަތްތަކުން ވެސްދެކެ އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި އިސްރާއީލު އެކަހެރި ކުރުމުގައި ބައިވެރިވަނީ ހަމައެކަނި އަރަބި އިސްލާމީ ގައުމުތަކަކުން ނޫނެވެ. އިސްރާއީލުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން ގެންދަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޔޫރަޕާއި އެނޫންވެސް ޖަމްއިއްޔާ ގައުމުތަކުގެ ޖަމާއަތްތަކުންނެވެ.

އެމެރިކާއާއި ޔޫރަޕްގެ ސަރުކާރުތަކުން އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވި ނަމަވެސް އެނޫން ޣައިރު މުސްލިމް އެތަށްގައުމަކުން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަނިޔަވެރި އަމަލުތައް ކުށްވެރިކުރަމުން ގެންދެއެވެ. އަދި އިސްރާއީލު އެކަހެރި ކުރުމަށްވެސް މަސައްކަތް ކުރެއެވެ.

ޔޫއޭއީން އިސްރާއީލަށް އިއުތިރާފްވެ ގުޅުންތައް ގާއިމް ކުރަން ނިންމި ނިންމުމަކީ ޔަހޫދީންނާ ގުޅިގެން އިސްލާމީ ދުނިޔެ ބައިބައިކޮށްލުމަށް އެގައުމުގެ ވެރިން ހިންގި ޖަރީމާއެއްކަމަށް އެކަމާދެކޮޅަށް މުޒާހަރަކުރި އިސްލާމީ އެތަށް ގަައުމެއްގެ ރައްޔިތުންވަނީ ސިފަކޮށްފައެވެ.

ޔޫއޭއީގެ މިނިންމުމާ ގުޅިގެން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ އިސްލާމީ ސަފުތަކަށް ހީނަރުކަން ލިބިގެންދާނެކަމަށް ބެލެވިފައިވީނަމަވެސް ޔޫއޭއީގެ ނިންމުމަށް އިސްލާމީ އެންމެ ތިން ގައުމުން ނޫނީ މަރުހަބާ ކިޔާފައެއް ނުވެއެވެ. އެހެންކަމުން ޔޫއޭއީ ވަނީ މިކަމުގައި އިސްލާމީ ދުނިޔޭގައި އެކަހެރިވެފައެވެ. ޔޫއޭއީގެ ނިންމުމަށް މަރުހަބާ ކިޔާފައިވަނީ ގަލްފުގެ ކުޑަގައުމެއް ކަމަށްވާ ބަހްރައިން އާއި މިސްރާ އަދި އުމާން އިންނެވެ.

މީގެތެރެއިން މިސްރަކީ ސްޓްރެޓީޖިކް ބައެއް ސަބަބުތަކާ ގުޅިގެން މީގެ 35 އަހަރު ކުރިން ނަމެއްގައި އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާ ގައުމެކެވެ. އާއިލީ ރަސްކަމުގެ ނިޒާމުތަކެއް އޮންނަ ބަހްރައިން އާއި އުމާންއަކީ ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބާއްވާ ދެގައުމެވެ. އެދެގައުމަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާއަށް ބަރޯސާވާ ދެގައުވެސް މެއެވެ. (ޕާކިސްތާން މީޑިއާ + ނޫސްއެޖެންސީތައް)