11 Jan 2012, 12:30
އިންޑޮނޭޝިޔާގެ ސުމަޓްރާގެ ކައިރިން ކަނޑުގެ އަޑިއަށް ރޭ އައި ބިންހެލުމާ ގުޅިގެން ދިން ސުނާމީގެ އިންޒާރު އުވާލައިފި އެވެ.
ރިކްޓަ މިންގަނޑު 7.3ގެ ބާރުމިނުގައި ކަނޑުގެ 30 ކިލޯމީޓަރު އަޑިއަށް އައި އެ ބިންހެލުން އައީ 2004 ވަނަ އަހަރު އޭޝިޔާގެ ބޮޑުބަޔަކަށް އެރި ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އިންޑޮނޭޝިޔާގެ އަޗޭޕްރޮވިންސްގެ ބަންދަރު އަޗޭއާ 420 ކިލޯމީޓަރު ދުރުން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރޭ ބުންޏެވެ.
ސުނާމީގެ އިންޒާރެއް ދިން ކަމުގެ ހަބަރު ބަންދަރުއަޗޭގައި ފެތުރުމާ އެކު މީހުން ހާސްވެގެން އިމާރާތްތަކުން ނުކުތް ކަމަށާއި ކަނޑުގެ ލޮނުގަނޑު ތިރިވެގެން ދިޔަތަން އެ ރަށުގެ ގޮނޑުދޮށުގައި ތިބި ބައެއް މީހުންނަށް ފެނިފައިވާ ކަމަށް އިންޑޮނޭޝިޔާގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.
"ޕެސިފިކް ރިންގް އޮފް ފަޔަ"ގެ ނަމުން މަޝްހޫރުވެފައިވާ ޕެސިފިކް ކަނޑުގެ އަލިފާން ފަރުބަދަތަކުގެ ތެރޭގައި އޮންނަ ގައުމަކަށް ވާތީ އިންޑޮނޭޝިޔާއަކީ ބިންހެލުންތަކުގެ ނުރައްކާ ބޮޑުގައުމެކެވެ.
އޭޝިޔާގެ ގިނަ ގައުމުތަކަކަށް 2004 ވަނަ އަހަރު އެރި ސުނާމީގައި 230،000 މީހުން މަރުވި އިރު އޭގެ ތެރެއިން ދެބައިކުޅައެއްބައި މީހުންނަކީ އަޗޭއިން މަރުވި މީހުންނެވެ.