20 Aug 2020, 09:07
އިނގިރޭސި ރާނީ އެލިޒަބަތު (ދެވަނަ)ގެ މާމަދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް އިނގިރޭސި ޝާހީ އާއިލާގެ ލަގަބުތަކާއި މަސައްކަތްތަކުން އެއްކިބާވެ، ޝާހީ އާއިލާއާ ވަކިވުމަށް ފަހު ހޮލީވުޑް ޕްރޮޖެކްޓެއް އުފެއްދުމަށް މިސްރާބު ޖަހައިފި އެވެ.
ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން ޝާހީ އާއިލާއިން ވަކިވެވަޑައިގަތުމަށާއި މާލީ ގޮތުން މިނިވަން ބަޔަކަށް ވުމަށް ނިންމެވީ މިއަހަރުގެ ކުރީކޮޅުގަ އެވެ.
ބޭރުގެ ބައެއް މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި މޭގަން އާއި ޕްރިންސް ހެރީ މަސައްކަތް ކުރައްވަމުން ދަނީ ހޮލީވުޑްގެ ބައެއް ފަރާތްތަކާ ބައްދަލުކޮށް "ސިއްރު" ޕްރޮޖެކްޓެއްގެ ހިޔާލުދީ އެ ޕްރޮޖެކްޓު އަސްލަށް ގެނެވޭނެ ގޮތެއް ހޯދުމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕްރިންސް ހެރީ އާއި މޭގަންގެ ހިޔާލު ހިފައިގެން ހޮލީވުޑްގެ ބައެއް ބޮޑެތި ޕްރޮޑަކްޝަން ލޭބަލްތަކަށް ގޮސްފައިވެ އެވެ. އޭގެތެރޭގައި ޔުނިވާސަލް އާއި އެންބީސީ ހިމެނެ އެވެ.
ޝާހީ އާއިލާއާ ވަކިވުމަށް ފަހު ހޮލީވުޑް އަށް އެނބުރި ނުދާނެ ކަމަށް މޭގަން ވަނީ މީގެކުރީން ހާމަކޮށްފަ އެވެ. އެހެންނަމަވެސް ދާދި ފަހުން ހާމަވެފައިވާ ބައެއް ވާހަކަތަކުން އެނގޭގޮތުގައި މޭގަން ހުންނެވީ ފިލްމް އަދި ޕޮޑްކާސްޓް ފަދަ ކޮންޓެންޓް ހެދުމަށް ބޭނުންވެފަ އެވެ.