20 Aug 2020, 09:11
ބާލިން (އޮގަސްޓު 20): އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިނެއް އަންނަ އަހަރުގެ ކުރީކޮޅު ޖަރުމަނުގެ ބައެއް މީހުންނަށް ދިނުން ފެށިދާނެ ކަމަށް އެގައުމުގެ ފެޑެރަލް އިންސްޓިޓިއުޓް ފޯ ވެކްސިންސްގެ ވެރިޔާ ކްލޯސް ޗިޗުޓެކް ވިދާޅުވެއްޖެ އެވެ.
ޗިޗުޓެކް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަހަށް ވެކްސިނެއް ތައްޔާރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ޓެސްޓުތަކުން ވަނީ އޭގެއިން މީހާއަށް ވައިރަހުން ރައްކާތެރިކަން ފޯރުކޮށްދޭ ކަން ދައްކައިފަ އެވެ.
"އެއަށް ފަހު، އެވެކްސިންތައް ބޭނުން ކުރަން ރައްކާތެރިކަމާއި ވެކްސިން މަސައްކަތް ކުރާކަން ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުން އެނގުމުން، ބައެއް ޝަރުތުތަކާ އެކު، އެންމެ ފުރަތަމަ ވެކްސިންތަކަށް އަންނަ އަހަރުގެ ކުރީކޮޅު ހުއްދަ ލިބުން އެކަށީގެންވޭ. އަދި ވެކްސިން އުފައްދާ ފަރާތްތަކުން ވަނީ އޭރުން ޖަރުމަނުގެ ރައްޔިތުންނަށް ފުރަތަމަ ޑޯޒްތައް ލިބޭ ވަރުވާނެ ކަމަށް ބުނެފަ،" ޗިޗުޓެކް ވިދާޅުވި އެވެ.
ޗިޗުޓެކް ވިދާޅުވި ގޮތުގައި ވެކްސިން ދިނުން ކުރިއަށްގެންދާނީ އެގައުމުގައި އެފަދަ ކަންކަމަށް ލަފާދޭ ސްޓޭންޑިން ކޮމިޓީ އޮން ވެކްސިނޭޝަންއިން ބުނާ ގޮތަކަށެވެ.
ޖަރުމަނުން އެފަދައިން ބުނެފައި ވަނީ އެގައުމުގައި އަނެއްކާ ވެސް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވަނިކޮށެވެ. އެގޮތުން އިއްޔެ އެގައުމުން ވައިރަހުގެ 1،510 ކޭސް ފެނިފައިވެ އެވެ. އެގައުމުން މިހާތަނަށް 229,694 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 1،860 މީހަކު ވަނީ މަރުވެފަ އެވެ.
އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އުފެއްދި ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ އެންމެ ފުރަތަަމަ ދިން ގައުމަކީ ރަޝިއާ އެވެ. ނަމަވެސް އެ ވެކްސިން ދިގު މުއްދަތަކަށް އެތައް ހާސް މީހުންނަށް ދީގެން ހަދާ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް އަދި ހަދާފައި ނުވެ އެވެ.