ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 84 މީހަކު އައިސޮލޭޝަން ފެސިލިޓީއަށް ދާން ދެކޮޅު ހަދަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނެފި އެވެ.

އައިސޮލޭޝަން ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި ލަސްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހައި ރިސްކް ގިނަ ބަޔަކު ވެސް ނުގެންދެވި ތިބި ކަމަށް ބުނެ އެމީހުންގެ އާއިލާތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެޗްއީއޯސީގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ޕޮޒިޓިވްވާ މީހުން ފުދޭވަރަކަށް މޫވް ކުރަމުން އަންނަ ކަމަށެވެ.

އަދި މީހުން އައިސޮލޭޓް ކުރުމުގައި ހަމައެކަނި ދިމާވަނީ ފެސިލިޓީ ނެތުމުގެ މައްސަލަ ނޫން ކަމަށާއި ބައެއް މީހުން ފެސިލިޓީއަށް ދާން ދެކޮޅު ހެދުމުގެ ސަބަބުން ވެސް ލަސްތަކާ ކުރިމަތިވާ ކަމަށެވެ.

"ބައެއް ފަރާތްތަކުން ދާން ވެސް އެބަ ރިފިއުސް ކުރައްވާ، ނޫނީ އާއިލާ މީހެއްގެ ނަތީޖާ ލިބެންދެން ވެސް މޫވްމަންޓް އެބަ މަޑުކުރަން ޖެހޭ. މިހާތަނަށް ގާތްގަނޑަކަށް 85 ފަރާތެއް އެބަވޭ އަޅުގަނޑުމެން ދާން ރިކުއެސްޓް ކޮށްފަ ނުގެންދެވި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އައިސޮލޭޝަނަށް ގެންދަން ބައެއް މީހުން ބަލާ ދިއުމުން ވެސް އެކަމަށް އިންކާރު ކުރާ ކަމަށެވެ.

އިއްޔެ އިން ފެށިގެން، މިއަދުގެ ފަހެއް ޖެހުމާއަށް 138 މީހަކު ފެސިލިޓީތަކަށް ގެންދަން ޖެހިފައި ވާއިރު، ފެސިލިޓީތަކަށް ގެންދަން ޖެހޭ، އެހެން ނަމަވެސް އަދި ނުގެންދެވި 359 މީހުން ތިބި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭގެ ތެރެއިން 85 މީހަކު ފެސިލިޓީއަށް ދާން ދެކޮޅު ހަދާފައި ވާއިރު، އާއިލާގެ އެހެން މީހެއްގެ ނަތީޖާ ލިބުމުން ނޫނީ ފެސިލިޓީއަށް ނުދާން ތިބި 15 މީހަކު ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ނުގުޅިގެން އައިސޮލޭޓް ނުކުރެވި ތިބި 14 މީހަކު ވެސް ތިބިކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެހެންކަމުން "ހަގީގީ" ޕެންޑިން ލިސްޓުގައި މިވަގުތު ނުގެންދެވި ތިބީ 22 މީހެއް ކަމަށެވެ.

މިއަދު އެކަނި ވެސް ރާއްޖެ އިން އިތުރު 146 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 6،225 އަށް އަރައިފަ އެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން ފަތިހު 05:00 އަށް މާލޭގައި އަންނަނީ ކާފިއު ހިންގަމުންނެވެ.