20 Aug 2020, 09:02
ފަހަކަށް އައިސް، އެއްވެސް ކޭސްއަކާ ގުޅުން ނެތް ކޭސްތައް ފެންނަ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އޭގެ މާނައަކީ ކޮމިއުނިޓީ ސްޕްރެޑް ވަރަށް ބޮޑަށް އިތުރުވުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވެސް ކޮވިޑް 19ގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ނުވަތަ ޕޮޒިޓިވްވީ ކިހިނެއް ކަމެއް ނޭނގޭ 193 ކޭސްއެއް ހަފްތާއެއްގެ ތެރޭގައި ވަނީ ފާހަގަކުރެވިފަ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިން ބުނެފައި ވަނީ އެކަހަލަ ކޭސްތައް ގިނަ ވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ގުޅުން ނެތް ކޭސްތައް ހޯދުމުން، ބަލި ފެތުރޭ މިންވަރު ދެނެގަނެވޭނެ ކަމަށެވެ. އަދި ގުޅުން ނެތް ކޭސްތައް އިތުރުވުމުގެ މާނައަކީ، ނޭނގޭ ގޮތްގޮތަށް ބަލި ފެތުރެމުން އައުން ކަމަށެވެ.
"އެހެން ގޮތަކަށް ބުނާ ނަމަ ކޮމިއުނިޓީ ސްޕްރެޑް ވަަށް ގަދަޔަށް އެބަ ހިނގައޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
ޑރ. ވިދާޅުވީ މީގެ ކުރިން ގުޅުން ނެތް ކޭސްތައް ނެތް މިންވަރަށް މިހާރު އެފަދަ ކޭސްތައް ފެންނަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ދުވަސްކޮޅު ވަރަށް ހަލުވިކަމާ އެކު ބަލި ފެތުރެމުން އަންނަކަން ހާމަވާ ކަމަށެވެ.
އިއްޔެ އެކަނި ވެސް ރާއްޖެ އިން އިތުރު 146 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 6،225 އަށް އަރައިފަ އެވެ.
މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން ފަތިހު 05:00 އަށް މާލޭގައި އަންނަނީ ކާފިއު ހިންގަމުންނެވެ.