20 Aug 2020, 08:43
އެެމެރިކާގައި މި އަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޖޯ ބައިޑެން ރަސްމީކޮށް ކަނޑައަޅައިފި އެވެ.
ޖޯ އަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ރަސްމީކޮށް އެރުވީ ހަތަރު ދުވަހަށް މިހާރު ކުރިއަށްދާ ވާޗުއަލް ކޮންވެންޝަންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަންއާއި ޖިމީ ކާޓާގެ އިތުރުން ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ކޮލިން ޕަވަލް ވެސް ބައިވެރިވެލެއްވި އެވެ. އެހުރިޙާ ބޭފުޅުން ވެސް ވަނީ ބައިޑެންއަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ކްލިންޓަން ވިދާޅުވީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާއަށް ބޮޑު ހަމަނުޖެހުމަށް ވެއްޓިފައިވާ ކަމަށެވެ.
"ޓްރަމްޕް އެބަ ވިދާޅުވޭ އަޅުގަނޑުމެންނޭ މުޅި ދުނިޔެ ލީޑްކުރަނީ. އެކަމަކު ބައްލަވާ އިންޑަސްޓްރިއަލް ގައުމުތަކުގެ ތެރެއިން އެމެރިކާގައި އެކަނި އެނގޭތޯ ވަޒީފާ ނެތް މީހުންގެ އަދަދު ތިން ގުނައަށް އިތުރުވީ. މިފަދަ ހާލަތެއްގައި ވައިޓް އޮފީސް ވާން ޖެހޭނީ ކޮމާންޑް ސެންޓަރަށް. އެކަމަކު މިހާރު އެތަނަކީ ސްޓޯމް ސެންޓަރު. ހުސް އޮޅުން ބޮޅުން އެތަނުން ފެންނަނީ." ކްލިންޓަން ވިދާޅުވި އެވެ.
ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޓްރަމްޕަށް ވުރެ ބައިޑެން އުޅުއްވަނީ ކުރީގަ އެވެ.
ބައިޑެން އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނާއިބު ރައީސް އެވެ. .--- ބީބީސީ--