ކުރިއާ އަޅާބަލާއިރު، ހަފްތާއެއްގެ ތެރޭގައި ކޮވިޑް19ގެ ކޮންޓެކްޓުންގެ ގޮތުގއި ފާހަގަވާ މީހުންގެ އަދަދު މިހާރު މަދުވާން ފަށާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުން ލިބޭ ހިތްހަމަޖެހުމެއް ނެތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ބަލި ޖެހޭ ކޮންމެ މީހެއްގެ ގައިން އިތުރު ހަތަރު މީހަކަށް ކުރިން ބަލި ޖެހޭ ކަމަށާއި އެހެން ނަމަވެސް މިހާރު އެ އަދަދު މަދު ކަމަށެވެ.

ނަމަވެސް އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު ކުޑަވުން ނޫން ކަމަށާއި، އަދިވެސް ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ހަމައެއާއެކު ކުރިން ބަލި ޖެހޭ މީހުންގެ ކޮންޓެކްޓުންގެ އަދަދު ގިނަ ނަމަވެސް، މިހާރު ކޮންޓެކްޓުންގެ އަދަދު ވެސް ކުޑަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"މީހުން ބައްދަލުވާ ކޮންޓެކްޓް ބަބުލް ކުޑަ ކަމަށް ފެނުނު ނަމަވެސް، ހަގީގަތުގައި ޖުމްލަ ކޭސްތައް އިތުރުވާ ކަމަށް ވާނަމަ އެކަމުން ލިބެންޖެހޭ ހިތްހަމަ ޖެހުމެއް ނުލިބޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ރަނގަޅު އަލާމާތަކަށް ވާނީ ކޮންޓެކްޓުންގެ އަދަދުގެ އިތުރުން ޖުމްލަ ކޭސްތަކުގެ އަދަދުވެސް މަދުވާ ނަމަ ކަމަށެވެ.

"އެކަމަކު މިހާރު ކޮންމެ ހަފްތާއަކު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އެހާ މަތިކޮށް ހުންނަ އިރު، އަދި ކޮންޓެކްޓުން މަދުކަމަށް ވީނަމަވެސް، އަދި އެއީ ބަލި ފެތުރުން ކޮންޓްރޯލްވީ ކަމަކަށް ނުބެލެވޭނެ،" ޑޮކްޓަރު ވިދާޅުވިއެވެ.

މިއަދު އެކަނި ވެސް ރާއްޖެއިން އިތުރު 146 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 6،225 އަށް އަރައިފައެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން ފަތިހު 05:00 އަށް މާލޭގައި އަންނަނީ ކާފިއު ހިންގަމުންނެވެ.