ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ގައުމުތައް ތަރައްގީކޮށް، އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީގޮތުން ހާސިލުކުރަން ބޭނުން ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ފަސްވަނަ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުން، މަޖިލިސް ރައީސް ވަނީ ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ އުސޫލުތަކަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކާބަން ބޭރުކުރާ މިންވަރަކީ ބައެއް ގައުމުތަކުން ތަރައްގީ އަޅާކިޔަން ގެންގުޅޭ މިންގަނޑެއް ކަމަށެވެ.

"ފޮސިލް ފިއުލް އެންދިވަރަކަށް، ބޭރުކުރާ ކާބަންގެ މިންވަރު އިތުރުވެ، ގައުމު މުއްސަނދިވޭ. އެހެންވެ ބޭރުކުރެވުނު އެންމެ ގިނައިން ބޭރުކުރަން ބޭނުންވޭ. ނަމަވެސް މީ އަމިއްލައަށް އަމިއްލަ ފުރާނަ ނަގާލަން ކޮށޭ މަގެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުޅަނގުގެ ގިނަ ގައުމުތަކާއި ތިމާވެށްޓާ ރައްޓެހި އެންޖީއޯތަކަށް ހީވެފައި އޮންނަނީ ޖައްވު ހޫނުވުން ކުޑަކުރުމަށް ކުރަންޖެހޭ ކަމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ހުއްޓުވުން ކަމަށެވެ.

ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުން ނޫންކަން ރައީސް ނަޝީދު ވަނީ ތަފާސްހިސާބުތަކުން ސާބިތުކޮށްދެއްވައިފައެވެ.

"އޮސްޓްރޭލިއާގެ ކޮންމެ ރައްޔިތަކު އަހަރެއްގެ މައްޗަށް 10،000 ކިލޯވޯޓުގެ ހަކަތަ އެބަ ބޭނުންކުރޭ. އެއާ ހިލާފަށް ބަންގްލަދޭޝް ކޮންމެ މީހަކު ބޭނުންކުރަނީ 300 ކިލޯވޮޓު. އަދި އިތިއޯޕިއާގައި މީހަކަށް 69،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަފާސް ހިސާބުތައް މިގޮތަށް ހުރި ނަމަވެސް ހުޅަނގުގެ ގިނަ ގައުމުތަކުން އަދިވެސް ކަންކަން ބަދަލުކުރަން ބޭނުން ނުވާ ކަމަށާއި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ރައްޔިތުން ވެސް މަދު މިންވަރެއްގެ ހަކަތައިން ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށެވެ.

"އެހެންވެގެން އަޅުގަނޑުމެން މި ހުށަހަޅަނީ މުޅިން ތަފާތު ގޮތެއް. ހަގީގަތަކީ ތަރައްގީވަމުން އަންނަ ގައުމުތަކުން ކުރިއަށް އޮތް އަހަރުތަކުގައި ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުކުރާނެ. އަދި މިކަން ކުރުމުގައި ތިމާވެއްޓާ ދުނިޔެ ހޫނުވުމާ ގުޅޭގޮތުން ދައްކާ ވާހަކަތަކުގައި މިހާރުވާ ވައުދުތަކަކަށް ނުބަލާނެ. އެހެން ނަމަވެސް އޭގެ މާނައަކީ ފޮސިލް ފިއުލް އެންދުމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުން، ތަރައްގީގެ ލަނޑުދަނޑިތައް ކަނޑައަޅާއިރު، އޭގެން ގައުމަށް ބޮޑަށް ފައިދާކުރާނެ ގޮތަކަށް ވިސްނައި، 2050 ވަނަ އަހަރާ ހަމައަށް އެ ގައުމަކީ ޒީރޯ ކާބަން އެމިޝަން ގައުމަކަށް ހެދޭނެ ގޮތްތައް ވެސް ވިސްނުމަށް އެދިވަޑައިގެންފައެވެ.

އަދި އެ ޕްލޭންތައް ހަދައި، ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮންމެ ގައުމަކަށް ވެސް އިކޮނޮމިކް އަދި ތިމާވެށްޓާ ހަކަތައާ ގުޅޭ މާހިރުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެ ޕްލޭންތައް ވާންޖެހޭނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށްގެން، އެ ގައުމުތަކަކީ ކުރިއަށް އޮތް ވިއްސަކަށް އަހަރު ތެރޭގައި މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ހެދުމަށް މަގުފަހިވާނެ ޕްލޭންތަކަކަށް ކަމަށެވެ.

އަދި އެ ޕްލޭންތައް ހެދުމަށް ކޮންމެ ގައުމެއްގެ މަޖިލީހުން ވެސް، ސަރުކާރުގެ އިދާރާތަކަށް ބާރުއަޅައި، އެކަމަށް މަގުފަހިކޮށްދިނުމަކީ ކުރެވިދޭނެ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޖައްވު ހޫނުވުމުގެ މައްސަލައާ ދެކޮޅަށް ކުރަންޖެހެނީ އިހުލާސްތެރި މަސައްކަތެއް ކަމަށެވެ.

އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް، ތަރައްގީގެ ލަނޑުދަނޑިތައް ވެސް ހާސިލުކުރެވޭނެ ކަމަށާއި، އިޔާދަކުރަނިވި ހަކަތައިގެ އަގު ވެސް މިހާރު ހެޔޮ ކަމަށް ވިދާޅުވިއެވެ.