އިޖުތިމާއީ އަދާލަތު ގާއިމުކޮށްދޭ ރީތި ސިފަތައް، ދިވެހީންގެ ކިބައިގައި އަލުން ހަރުލެއްވުމަށް އަޒުމުކަނޑައެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ހިޖުރީ އާ އަހަރެއް ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ހިޖްރީ ސަނަތުން އާ އަހަރަކާ ބައްދަލުވިއިރު، ދިވެހިންނަށް މިއަދު މެދުވެރިވެފައި ވަނީ، ހިޖްރައިގެ މަތިވެރި ހާދިސާން ލިބިދޭ އިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއް ކަމަށެވެ.

އެގޮތުން ހިޖްރައިން ލިބިދޭ އެންމެ މަތިވެރި އިބުރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި ހަމައެފަދައިން، އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމުކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކުރިއެރުމާއި ތަރައްގީއަށް އެދޭނަމަ، އެންމެހާ ރައްޔިތުން އެއް އަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ވެސް އެނގިގެންދާ ކަމަށް ރައީސްގެ ހިތޯބުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރާ މުނާސަބަތުގައި، ދިވެހީން ހަނދާނަށް ގެންނަންވީ، މިފަދަ ނާޒުކު ހާލަތްތަކުގައި ރައްޔިތުންގެ އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް، ހިޖުރައިން ލިބިދޭ މަތިވެރި އިރުޝާދުތައް ކަމަށެވެ.

"އެއީ، ދަތި އުނދަގޫ ހާލަތްތަކުގައި، އާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމައުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުމެވެ. ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ދިވެހީންގެ އަޒުމަކަށް ހަދަންވީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، އަޅުގަނޑުމެންގެ ކިބައިގައި އަލުން ހަރުލެއްވުމަށް ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އެއްފަދައިން، ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން މިދަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި އިގްތިސޯދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އެތައް ބައިވަރު ހުރަސްތަކެއް ކުރިމަތިވެ، ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް19ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގްތިސޯދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިގްތިސޯދީ އެންމެހާ ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަން ޔަގީނެވެ،" ރައީސް ވިދާޅުވިއެވެ.