20 Aug 2020, 08:32
ބޮލީވުޑް އެކްޓަރު ސޯނޫ ސޫދު ޔަތީމު ތިން ކުދިން އެޑޮޕްޓްކޮށްފި އެވެ.
އިންޑިއާގެ ތެލަންގަނާގެ ޔަދާދްރީ ބޮންގިރް ޑިސްޓްރިކްޓްގެ އާތުމާކޫރް އަވަށުގައި ދިރިއުޅޭ އެ ތިން ކުދިން އެޑޮޕްޓްކުރި އިރު އެކުދިންގެ މައިބަފައިން ވަނީ ދާދިފަހުން މަރުވެފަ އެވެ.
އެ ތިން ކުދިންގެ ވާހަކަ ސޯނޫ އަށް އެންމެ ފުރަތަމަ އެނގުނީ ރާޖޭޝް ކުރާނަމް ކިޔާ މީހަކު އޭނާއަށް ޓެގްކޮށް ކުރި ޓްވީޓަކުންނެވެ. ރާޖޭޝް ކުރި ޓްވީޓުގައި ބުނީ އެ ކުދިންގެ މައިންބަފައިން މަރުވެފައިވާ ކަމަށާއި އެކުދިންނަކީ ބަލާނެ އެއްވެސް މީހަކު ނެތި ޔަތީމުވެފައިވާ ކުދިންތަކެއް ކަމަށެވެ. އޭނާގެ ޓުވީޓުގައި ހިއްސާކުރި ވީޑިއޯގައި ދޮށީ ކުއްޖާ ބުނީ ސޯނޫ ވަރަށް ގިނަ މީހުންނަށް އެހީވެދޭ މަންޒަރު ފެނިފައިވާ ކަމަށާއި އެމީހުންނަށް ވެސް އެހީތެރިކަމެއް ފޯރުކޮށްދިނީ ކަމަށެވެ.
ރާޖޭޝްގެ ޓުވީޓަށް ޖަވާބުދެމުން ސޯނޫ ބުނީ އެކުދިންނަކީ މިވަގުތުން ފެށިގެން ޔަތީމު ކުދިންނެއް ނޫން ކަމަށާއި އެ ކުދިން ބެލުމުގެ ޒިންމާ އާ އޭނާ ހަވާލުކަމަށެވެ.
ދާދިފަހުން އެކްޓަރު ވަނީ ފިލިޕީނުގެ 39 ކުޑަކުއްޖަކަށް ލިވާ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ވެސް ހޯދަދީފަ އެވެ. ހަމައެއާ އެކު އޭނާ ވަނީ ކޮވިޑްއާ ގުޅިގެން އިންޑިއާގައި ހާލުގައި ޖެހި މަގުމަތިވި މީހުންތަކަކަށް މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އާއިލާތަކާއި ދުރުގައި ތިބި އެތައް ބަޔަކު އާއިލާތައް ގާތަށް ގެންގޮސްދީފައިވެ އެވެ.