ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ، ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މައުލޫމާތު ޝާއިއުކުރަން ފަށާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ.

އިވެލުއޭޝަން މަރުހަލާ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާ އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

އަދި ބީލަން ކާމިޔާބުނުވާ ފަރާތްތަކުގެ، އެފަރާތްތަކަށް އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާ ވެސް ހިމަނާފައިވާނެ ކަމަށާއި މީގެ އިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގު، މުއްދަތު ހިމެނޭހެން ހުއްދަދީފައިވާ ދުވަހާ ހުއްދަދިން ފަރާތުގެ މައުލޫމާތު ވެސް ހިމަނާފައިވާނެ ކަމަށެވެ.

މިވަގުތުވެބްސައިޓުގައިޝާއިއުކޮށްފައި ވަނީ ހަމަ އެކަނި 2020ގައި ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާއެވެ. ނަމަވެސް، އޮގަސްޓް މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ޝާއިއުކުރެވޭނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސް އިން ބުނީ މިއީ މިނިސްޓްރީ އޮފް ފިނޭންސްއިން ދައުލަތުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން އެޅުނު މުހިންމު ހަރުފަތެއް ކަމުގައިވާނެ ކަމަށެވެ.