ހއ. އުލިގަމުގައި އެމްޓީޑީސީ އިން ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓިފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވުމާ ގުޅިގެން އެ ރަށުގެ ބަޔަކު ރޭ މުޒާހަރާ ކޮށްފި އެވެ.

އުލިގަމް ކައުންސިލްގެ ރައީސް އިމާދު އަބުދުﷲ މިއަދު ވިދާޅުވީ އެ ރަށުގެ ޒުވާނުން މުޒާހަރާ ކުރީ އެމްޑީޓީޑީސީ އާއި ކުރީގެ އުލިގަމު ރަށްކުރިއަރުވާ ކޮމިޓީއާ ދެމެދު ވެފައިވާ އެއްބަސް ވުމާ ހިލާފަށް އެމްޓީޑީސީ އިން އަމަލުކޮށްފައި ވާތީ އެކަން އެމްޓީޑީސީ އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ އުލިގަމުގައި އެމްޓީޑީސީ އިން ސިޓި ހޮޓާ ގާއިމް ކުރުމަށް ބިން ދޫކުރިތާ ހަތަރު އަހަރުވެގެން ދިޔަ އިރު އެތަނުގެ މަސައްކަތް ނުކުރާ ތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އަދި ސިޓީ ހޮޓަލާއި ރަށުގެ މީހުން ދިރިއުޅޭ އަވަށާއި ދެމެދު ފާހަކޮށްފައިވާ ގްރީން ޒޯން ސަރަހައްދު ވެސް އެމްޓީޑީސީ އިން ވެރިކޮށްގެން އުޅޭ ކަމަށެވެ.

"އެ މައްސަލާގައި ސުލްހަ ވެރި މުޒާހަރާއެއް ކުރީ. އެމީހުން ގޮވީ ސިޓީ ހޮޓަލުގެ މަސައްކަތް އަލުން ފެށުމާއި ގުރީން ޒޯން ސަރަހައްދު އުލިގަމް ރައްޔިތުންނާ ހަވަލުކުރުމަށް. ފުލުހުން އެ ސަރަހަށްދަށް އައިސް މުޒާހަރާގައި ބައިވެރިވި މީހުންނާ ވާހަކަ ދެއްކުމުން މުޒާހަރާ ނިންމާލީ،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވި އުލިގަމްގައި އެމްޓީޑީސީ އަށް ސީޓި ހޮޓާ އެޅުމަށް ދީފައިވާ ސަރަހައްދަށް ވުރެ ބޮޑު ބައެއްގައި ފެންސުޖަހައި ބޮޑު ގޭޓެއްލައި އެ ސަރަހައްދު ބަންދުކޮންގެން އުޅޭ ކަމަށެވެ. ކައުންސިލުން ގަރާރެއް ފާސްކޮށް އެ ސަރަހައްދު ހަވާލުކުރުމަށް އެންގުމުން ވެސް އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރޭ މުޒާހިރާ ކުރި މީހުން އެ ގޭޓްގައި ތަޅުއެޅުވި ނަމަވެސް ފުލުހުން ވާހަކަ ދައްކައިގެން ތަޅުނައްޓައި އެ ސަރަހައްދުގައި ފުލުހުން ފޯރިމަރަކުން ގެންދާ ކަމަ ށެވެ.

"ރިސޯޓް ހަދާ ސަރަހައްދާއި މީހުން ދިރި އުޅޭ ސަރަހައްދާ ދެމެދު ގުރީން ޒޯނެއް އޮންނަން ޖެހޭނެ ކަމަށް އެގުރިމެންޓްގައި އެބައޮތް. އެ ސަރަހައްދަކީ އެއްވެސް މަސައްކަތެއް ނުކުރެވޭ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އޮތީ އެގްރިމެންޓްގައި ބުނެފައި. ނަމަވެސް އެމްޓީޑީސީ އިން އެ ސަރަހައްދު ވެރިކޮށް އެމީހުން ގެންގުޅޭ ވެހިކަލްތަކާއި ހުރިހާ ސާމާނެއް ބަހައްޓާފައި ހުރީ. އަދި ވަގުތީ އިމާރަތްތައް ވެސް ހަދާފައި ހުރީ ގުރީން ޒޯންގައި. އެއީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް،" އިމާދު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ގުރީން ޒޯން ސަރަހައްދު ސާފްކުރުމަށް ތިން މަސް ދުވަހުގެ މުހުލަތުދީ ގަރާރެއް ފާސްކުރުމުން ވެސް އެމްޓީޑީސީ އިން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.

"އެ ސަރަހައްދުގައި އެމީހުން ބޮޑެތި ވަޅުގަނޑު ކޮނެ ކުނިވަޅުލާ ވަރަށް ގިނަ ގަސްތައް ކަނޑާފައި ހުރީ އަދި އެ ސަރަހައްދުން ވަނީ ބޮޑުމަގެއް ވެސް ހަދާފައި،"

އެ މައްސަލަ މިހާރު އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ އަށް ވެސް ހުށައަޅާފައިވާ ކަމަށް އިމާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޓީޑިސީ އިން އެ ރަށުގައި ހަދާ ސިޓި ހޮޓާ ހެދުމުގެ މަސައްކަތް މެދުކަނޑާލި އިރު އެތަނުގައި ވަޒީފާގައި ތިބި 30 އަށް ވުރެ ގިނަ މީހުން ވަޒީފާ އިން ކަނޑާ ލާފައިވާ ކަމަށެވެ.

އިމާދު ވިދާޅުވީ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޯޑަށް އެދޭ އެދުމަކީ އެމްޓީޑީސީ އިން އެ ރަށުގެ ބިން ރައްޔިތުންނާއި ހަވާލްކުރުމަށް ފަހު އެ މީހުން މަސައްކަތްކުރަން ގެންގުޅޭ ސާމަނުތައް ހިފައިގެން ރަށުން ދިއުން ކަމަށެވެ.
އުލިގަމުގެ ސިޓީ ހޮޓަލުގެ މައްސަލާގައި އެމްޓީޑީސީގެ ބަހެއް ލިބޭތޯ ސަން އޮންލައިނުން ގުޅުމުން އެކަމާ ގުޅޭ ބޭފުޅެއްގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.