19 Aug 2020, 18:47
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކުން ތިން ހާލަތެއްގައި އަމަލުކުރާނެ އިރުޝާދުތަކެއް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްވައިފިއެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ތަހުގީގުކުރަމުންދާ މައްސަލައަކީ އެ އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސޯސް ނުލިބޭ މައްސަލައެއްކަން އެނގިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކުރުމުގެ އިހްތިސޯސް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ޕީޖީ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ތަހުގީގުކުރަމުންދާ މައްސަލައަކީ އެ އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސޯސް ނުލިބޭ މައްސަލައެއްކަން އެނގިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކުރުމުގެ އިހްތިސޯސް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ޕީޖީ އެދިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ތަހުގީގުކުރަމުންދާ މައްސަލައެއްގައި، އެހެން އިދާރާއަކަށް ތަހްގީގުކުރުމުގެ އިހްތިސޯސް ލިބޭ ކުށެއް އެކުލެވިގެންވާކަން އެނގިއްޖެނަމަ، ތަހުގީގު ނިމެންދެން މަޑުނުކޮށް، އެ ކުށުގެ ބައި އިހްތިސޯސް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ވެސް ޕީޖީ ވަނީ އިރުޝާދުދެއްވައިފައެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ތަހުގީގު އިދާރާތަކުން ޖޮއިންޓް އިންވެސްޓިގޭޝަންއެއް ކުރިއަށްގެންދަން ނިންމާނަމަ އެކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނައުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އަމަލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް މި އިރުޝާދު ނެރުއްވާފައިވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުންނެވެ.