19 Aug 2020, 18:12
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ 39 މައްސަލައެއް ހުށަހަޅައި އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން މާލޭ ސިޓީ ކައުންސިލްއިން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ ޝިފާއާ ދެކޮޅަށް މައްސަލަތައް ހުށަހެޅީ މިދިޔަ މަހު 16 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ މައްސަލަތައް އެޖެންޑާ ކުރީ އިއްޔެކަމަށް ފަޒީން ވިދާޅުވިއެވެ.
އެ މައްސަލަތައް އެޖެންޑާކޮށް މައްސަލަތައް އަޑުއިއްވައި އެެކަމާ ބެހޭ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފެނޯތޯ ބެލުމަށް ނެގި ވޯޓުގައި އަށް މެމްބަރަކު އެއާ އެއްކޮޅަށް ވޯޓު ދެއްވިއެވެ. ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ދެ ބޭފުޅުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހިމެނިލައްވައެވެ.
އެ މައްސަލައައި ޝިފާ ޖަވާބު ދާރީވަން 10 ދުވަސް އިއްޔެއިން ފެށިގެން ވަނީ ދީފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނީ 10 ދުވަސް ހަމަވުމުންނެވެ.
ޝިފާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މާލިއްޔަތާ ހިލާފަށް ހަރަދުކުރުމާއި ކައުންސިލްގެ ކޮމެޓީތަކުން ނިންމާ ނިންމުންތަކަށް ބެލުމެއް ނެތި އަމިއްލަގޮތަށް ކަންތައްތައް ނިންމުން ހިމެނެއެވެ.
ފަޒީން ވިދާޅުވީ ދާދި ފަހުން މާރުކޭޓްގެ ގޮޅިތައްވެސް ހެދީ ހެދެންއޮތް ވަރަށްވުރެވެސް މާ ކުޑަކޮށް ކަމަށާއި އޭގެ ސަބަބުން ސަރުކާރާމެދު އާންމުންގެ ނަފްރަތު އިތުރުވެފައިވާ ކަމަށެވެ.
މީގެ ކުރިން މިއަހަރު މާލޭ ސިޓީ ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަމުން ގެންދިޔައެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ޝިފާއަށް އަަންނަ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް، ނާކާމިޔާބުވެ ޓިކެޓް ވަނީ ގެއްލިފައެވެ.