19 Aug 2020, 17:42
ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމް ކުރަން ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ އެ ބިލު ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ސެޕްޓެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމްކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.
ހިސާން ހުށަހެޅުވި އިސްލާހުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، އެކަމަށް ހާއްސަކޮށްފައިވާ ކިޓް ބޭނުންކޮށްގެން ކުރެވޭ ތަހުލީލެއް ކަމަށެވެ. އަދި އެ ކިޓް ބޭނުންކޮށްގެން މަދުވެގެން ހަތް ސާމްޕަލެއް ނަގަން އިސްލާހުން ލާޒިމް ކުރެ އެވެ.
އިސްތަށިގަނޑުންނާއި ކުރިމަތިފަރާތައި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތަށި
- ލޭ އަދި ކުޑަކަމުދާ ތަކެތި
- ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ އަންނައުނު
- ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލް
- ކުރިމަތިފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް
- އަގައިން ނަގާ ސާމްޕަލް
- ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ގަވައިދު ހެދުން އެ އިސްލާހުން ލާޒިމްކޮށްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ގަވައިދު ނިންމަން ވަނީ ލާޒިމް ކޮށްފަ އެވެ.
"ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލްތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ އެވެ." ޖިންސީ ކުށުގެ ގާނޫނަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުން އެ ކިޓް ލިބޭނޭ އިންތިޒާމު ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ހަމަ ޖައްސަން އެ އިސްލާހުން ލާޒިމް ކުރެ އެވެ.
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ސަރުކާރުން ހިންގާ ކޮންމެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ހުންނަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސާމްޕަލް ނަގަން ވާނީ އެ ތަމްރީނު ލިބިފައިވާ މީހުން ކަމަށްވެސް ބުނެފައިވެ އެވެ.