ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހީމް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހަށް އެދެ ބޭފުޅުންގެ ނަން ފޮނުއްވީ، ސުޕްރީމް ކޯޓަށް އެބޭފުޅުން އައްޔަން ކުރުމަށް ޖޭއެސްސީއަށް ފެންނަ ކަމަށް ލަފާ ލިބިލައްވާފައިވާތީ ކަމަށެވެ.

އަލީ ރަޝީދަކީ ކުރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހު އެވެ. އެއީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.

ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓުގެ ގާޒީކަން ހަވާލުކުރެއްވުމުގެ ކުރީން ވަނީ ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ކުރީގެ ޖިނާއީ ކޯޓުގެ ގާޒީކަންވެސް ކުރައްވާފަ އެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއެކު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.