ކޮވިޑް19 ކޮަރަޕްޝަން ހިންގި މީހުންނަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އަދި އެ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ބައެއް ފަރާތްތައް ވަނީ ސަސްޕެންޑްވެސް ކޮށްފަ އެވެ. އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ، އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވެޑައިގެންފަ އެވެ.

މެމްބަރު ޝަރީފު މަޖިލީހަށް ހުށަހަޅި ކުއްލި މައްސަލައިގައި ބުނީ، ބޮޑު ބަލި މަޑުކަމަކާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރާއްޖޭގެ އިގްތިސާދުވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފެންމަތިވުމަކީ، ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެގޮތުން އޭނާ އެދިވަޑައިގެންނެވީ، މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މި މައްސަލަތަކުގައި ވީހާ ވެސް އަވަހަކަށް ފިޔަވަޅު އަޅައި، ކޮރަޕްޝަން ހުއްޓުވުމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް ސަރުކާރުން އެޅުއްވަމަށެވެ.

އެ މައްސަލަ ބަލައިގަތުމަށް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ. ވޯޓުގައި ބައިވެރިވި 22 މެމްބަރުންގެ ތެރެއިން 21 މެމްބަރަކު ވޯޓު ދެއްވީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލައާ ދެކޮޅަށް ވޯޓު ދެއްވީ ހަމަ އެކަނި، ހެންވޭދު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ.

ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި ކޮރަޕްޝަން ހިމެނޭތީ، އެކަން ތަހުގީގު ކުރުމަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ހަރަދު ކުރި 26 މިލިއަންގެ ތެރެއިން 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ހެލްގެ އޮޑިޓާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފުލުހުންގެ ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލައިގައި ބޮޑު އިހުމާލެއް އޮތް ކަމަށް އޮޑިޓް އޮފީހުން ބުނާ، ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް އާއި ބިޑް ކޮމިޓީ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ބެލުމަށް ހަވާލު ކުރީ، އޭސީސީއާ އެވެ.