ޑިގްރީ އަދި މާސްޓާސްގެ އާ ޕްރޮގްރާމްތަކާއި ގިނަ އިތުރު ހަރަކާތްތައް ގުޅިގެން ފެށުމަށްޓަކައި އެވިޑް ކޮލެޖުން ރަޝިއާގެ ސްޓޭޓް ޔުނިވާސިޓީއެއް ކަމަށްވާ ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. އަދި ބެލްގޮރޯޑް ސްޓޭޓް ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ޗާންސެލަރު ޕްރޮފެސާ ސާޖޭ ނިކޮލަވިޗް ގްލެގޮލޭ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ބިޒްނަސް ޑިވެލޮޕްމަންޓްގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަލީ ރަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތައް އެވިޑް ކޮލެޖުން ހިންގުމާއި ދެފަރާތުގެ ދަރިވަރުންނާއި ސްޓާފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުންވެސް ދެފަރާތް ގުޅިގެން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިރާސާކުރުމާއި ޝާއިރުކުރުމާއި ސެމިނަރ އަދި ކޮންފަރެންސް ބޭއްވުމާއި އަދި އީޖާދީ ޕްރޮޖެކްޓްތައް ހިންގުމަށްވެސް ވަނީ އެއްބަސްވުމުގެ ދަށުން ހަމަޖައްސާފައެވެ.

ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ އެހީތެރިކަމާއެކު އެވިޑްކޮލެޖުގައި އިންޖިނިއަރިން ފެކަލްޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ބެލްގޮރޯޑް

ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީއަކީ ކޮންސްޓްރަކްޝަން އާއި އިންޖިނިއަރިން ދާއިރާއިން ރަޝިޔާއިން އެންމެ ފާހަގަކޮށްލެވޭ އެއް

ޔުނިވަރސިޓީއެވެ. އެޔުނިވަރސިޓީގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ވަސީލަތްތަކުގެ އެހީގައި ރާއްޖޭގައި ސިވިލް އިންޖިނިއަރިން އަދި

އާކިޓެކްޗަރ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެވިޑް ކޮލެޖުން ބުނެފައިވެއެވެ.

އަދި އޭގެއިތުރުން އެ ޔުނިވާސިޓީގެ އެހީތެރިކަމާއެކު ގދ. ތިނަދޫގައި އެވިޑްކޮލެޖުގެ އިންޖިނިއަރިން ދާއިރާއަށް ހާއްސަ ކެމްޕަސްއެއް އިމާރާތްކުރުމަށްވެސް ވަނީ ރޭވިފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން ވިދާޅުވީ އެ އެއްބަސްވުމަކީ އެވިޑް ކޮލެޖްގެ ތާރީހުގައި ލިޔެވުނު އާސަފްހާއެެއް ކަމުގައި ކަމަށެވެ.

އެހެންކަމުން އެވިޑް ކޮލެޖް އިތުރަށް ތަރައްގީވުމާއެކު އެކަމުގެ ސަބަބުން ދިވެހި ދަރީންނަށް ފައިދާކުރަނިވި އިތުރު ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.