11 Jan 2012, 11:08
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލްގެ ދައުވަތަކަށް، އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް، އެޑްމިރަލް ނިރްމަލް ވަރުމާ ރާއްޖެއަށް ޒިޔާރާތްކުރައްވައިފި އެވެ.
އިންޑިޔާގެ ޗީފް އޮފް ނޭވަލް، އިއްޔެ އިންޑިއަން އެއާފޯސް މަތިންދާ ބޯޓެއްގައި އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑީއެމް މުލޭގެ އިތުރުން އިންޑިއާގެ ޑިފެންސް އެޑްވައިޒާ ކެޕްޓަން ސުމީތު ކަޕޫރު އަދި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުންނެވެ.
އެމްއެންޑީއެފުން ބުނީ އެޑްމިރަލް ނިރްމަލް ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި އަސްކަރީ ގޮތުން ދެގައުމުގެ ދެމެދުގައި ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން އޭނަގެ މިދަތުރުފުޅުގައި އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުން ހަދިޔާކުރާ ބައެއް ތަކެތި ދިވެހި އަސްކަރިއްޔާއާ ހަވާލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެއަށްފަހު އެމަނިކުފާނު އެމްއެންޑީއެގް ހެޑްކްއޯޓާޒްއަށް ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ޝަރަފްގައި ދިވެހި އަސްކަރިއްޔާއިން ވަނީ ގާޑް އޮފް އޮނާ އެއް އަރުވާފަ އެވެ.
އިންޑިއާގެ ޗީފް އޮފް ނޭވަލްގެ ރާއްޖެއަށް މިކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެމްއެންޑީއެފްގެ ބައެއް އޭރިއާތަކަށް ޒިޔާރާތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.