ކޮރަޕްޝަންގެ މައްސަލަތައް ފެންމަތޮވެގެން މިވަގުތު އަމިއްލަފުޅަށް އެކަހެރިވެގެން ހުންނެވި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު ހެދި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ފޮނުވައިފި އެވެ.

މިނިސްޓަރު އަމީން ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން މީގެ ކުރިން މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންނަން ހަވާލު ކުރި ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވާތީވެ، އިތުރަށް ބޭނުންވާ 75 ވެންޓިލޭޓަރު ވީހާވެސް އަވަހަށް ގެނައުމަށްޓަކައި ދުބާއި އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑީންއާ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެެ ދަށުން ހަވާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާއި ދުބާއީ އޮފީހުގެ ލަފާގެ މަތިން ހޮވާފައިވާ ކުންފުންޏެއް ކަމަށް އަމީން މަޖިލީހަށް މައުލޫމަތު ދެއްވި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން އެ ސިޓީގެ އިބާރާތްތައް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީން މަޖިލީހަށް ދެއްވި އެ މައުލޫމާތަކީ، ސައްހަ ނޫން މައުލޫމާތުތައްކެއްކަން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ މަޖިލީހުގައި ދެއްވި މައުލޫމާތުތަކުން ހާމަވާ ކަމަށެވެ.

"މިހެން ވަޒީރު[މަޖިލީހަށް] ވިދާޅުވުމަށްފަހު، އޮޑިޓާ ޖެނެރަލްގެ ރިޕޯޓާއި ވަކިން ހާއްސަކޮށް އިއްޔެ އޮޑިޓާ ޖެނެރަލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްވި ބަޔާނާ އެކުވީމަ، އަޅުގަނޑަށް ފެންނަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ މައްސަލަތަކަކީ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލާ މައްސަލަތައް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ބަލައިދނުމަށް އެ ކޮމިޓީއަށް ފޮނުއްވެވިކަން ރައީސް ނަޝިދު އިއުލާން ކުރެއްވި އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު އަމީން މަޖިލީހަށް މައުލޫމާތު ދެއްވިއިރު، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ، މި ކޮރަޕްޝަން ހިންގުމަށް މަގު ފަހިވުމުގައި އެންމެ ބޮޑު އިހުމާލެއްވެފައި ވަނީ، ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމް އާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީން ކަމަށެވެ. އަދި މިކަމުގައި އަމީންގެ އިހުމާލެއް އޮތް ކަން އެނގޭނީ އެކަން ތަހުގީގު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅީގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ އެ އޮޑިޓް ރިޕޯޓުގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އެންމެ ބޮޑު އޮޅުވާޅުންތައް ހިންގާފައި ވަނީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަށް ދިން ދިނުމުގަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފަ އެވެ. ނަމަވެސް އަދިވެސް ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައެއް ނުވެ އެވެ.