ހުސްވެފައިވާ ބާސެލޯނާގެ ކޯޗުގެ މަގާމަށް ނެދަލެންޑުގެ ގައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ރޮނާލްޑް ކޫމަން ހަމަޖައްސައި، ސޮއި ކުރުމުގެ ކަންތައް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް އެކުލަބުގެ ރައީސް ޖޯސެޕް ބާޓެމިއު ބުނެފި އެވެ.

ޔޫރޮޕުގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް 8-2 ގެ ނަތީޖާއަކުން ބަލިވެ ލަދުވެތި ގޮތަަކަށް ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމާ އެކު ކުލަބަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަން ކުލަބުގެ ސީނިއާ ކުޅުންތެރިންނާއި ރައީސް ބާޓެމިއު ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އެއާ އެކު އޭރު ކޯޗަކަށް ހުރި ކީކޭ ސެޓިއެންގެ ކޮންޓްރެކްޓް އެންމެ އަހަރަކަށް ފަހު އުވާލި އިރު ބާސެލޯނާގެ ބޯޑަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ފަށައިފަ އެވެ.

އެގޮތުން އެ ކުލަބުގެ ސްޕޯޓްސް ޑިރެކްޓަރުގެ މަގާމުގައި ހުރި އެރިކް އަބިދާލް ވެސް މަގާމުން ވަކިކޮށްފައިވާ އިރު ބާސެލޯނާގައި މިހާރު ތިބި ހަތްވަރަކަށް ކުޅުންތެރިން ފިޔަވައި އެހެން އެންމެންނަށް ޓީމުން ޖާގަ ޔަގީން ނުވާނެ ކަމަށް ރައީސް ބާޓެމިއު ވަނީ ބުނެފަ އެވެ. އެ ލިސްޓުގައި ކެޕްޓަން ލިއޮނެލް މެސީއާއި، އެންޓޮއިން ގްރީޒްމަން، ފްރެންކީ ޑެ ޔޮންގް އަދި އުސްމާން ޑެމްބޭލޭ އާއި ކީޕަރި ޓާ ސްޓެގަން ހިމެނުނު ނަމަވެސް ލުއިސް ސުއަރޭޒް، ޖެރާޑް ޕީކޭގެ އިތުރުން ޖޯޑީ އަލްބާ ވެސް އޮތީ ޔަގީންކަން ނެތް ލިސްޓުގަ އެވެ.

ބާސެލޯނާއަށް ގެންނަ ބަދަލުތަކާ އެކު އެ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ކޫމަން ހަމަޖައްސާފައިވާކަން އެކުލަބުގެ ރައީސް ބާޓެމިއު އިއުލާން ކުރި އިރު މިހާރު ވަނީ ކޫމަންގެ ޑީލުގެ ކަންކަން ނިންމުމަށް ސްޕެއިނަށް ގޮސްފަ އެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް އެކަން ކުލަބުން އިއުލާން ކުރާނެ ކަމަށާއި، ކޫމަން ބާސެލޯނާގައި ތިން އަހަރު މަޑުކުރާނެ ކަމަށް ބާޓެމިއު ބުންޏެވެ.

ނެދަލެންޑުގެ ފުޓުބޯޅަ ދަތި އުނދަގޫ ހާލަތެއްގައި އޮއްވާ، އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ކޫމަންގެ އިރުޝާދާ އެކު އަލުން އަނބުރާ އެ ޓީމު ދުނިޔޭގެ ގަދަބާރަކަށް ވެގެން ދިޔަ ހިނދު ގިނަ ކުލަބުތަކަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. އެއާ އެކު މީގެ އަހަރެއްހާ ދުވަސް ކުރިން ބާސެލޯނާއިން ވެސް ވަނީ ކޫމަންއަށް ހުށައެޅުމެއް ފޮނުވާފަ އެވެ. ނަމަވެސް ކޫމަން އޭރު އެކުލަބަށް ނޫނެކޭ ބުނީ މިއަހަރު ބާއްވަން ހަމަޖެހިފައި އޮތް ޔޫރޯއަށް ވިސްނާފައި ކަމަށް އޭނާ އޭރު ބުންޏެވެ.

ކޫމަން އަބަދުވެސް އެންމެ ބޭނުންވި އެއްކަމަކީ އޭނަގެ ފުޓުބޯޅަ ކެރިއަރުގައި 197 މެޗު ކުޅެ 67 ގޯލު ޖަހައިދިން ބާސެލޯނާގެ ކޯޗުކަން ކުރަން ކަމަށް އޭނާ އަބަދުވެސް ބުނެ އެވެ. އަދި އޭނާގެ ހިތް އަދިވެސް ބާސެލޯނާގައި އޮތްކަން ހާމަކުރުމުގެ ގޮތުން 2022 ގެ ވޯލްޑް ކަޕަށް ފަހު ބާސެލޯނާއަށް ދާނެ ބޭނުންވާކަމަށް ވެސް ކޫމަން ވަނީ މިފަހަކުން ބުނެފަ އެވެ.