19 Aug 2020, 08:03
އޮޓަވާ (އޮގަސްޓު 19): ކެނެޑާގެ ފިނޭންސް މިނިސްޓަރު ބިލް މޯނޯއާ ގުޅުން ހުރި މަސްލަހަތަށް ފުށޫ އެރުމުގެ މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މޯނޯ ވިދާޅުވި ގޮތުގައި އޭނާ ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ، ކެނެޑާއިން ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެ މަގާމަށް އާ ބޭފުޅަކު ބޭނުންވާ ކަމަށް އޭނާއަށް ގަބޫލު ކުރެއްވޭތީ އެވެ. އަދި ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ކެބިނެޓުގެ އިތުރުން އޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
"އަޅުގަނޑު ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރާނެކަން ދަންނަވަން ބޮޑުވަޒީރާ ބައްދަލު ކުރިން. އަދި އަޅުގަނޑު ދެން އިންތިހާބުގައި ވާދަ ނުކުރާނެތީ އާއި އަޅުގަނޑުމެން [ބަލިމަޑުކަމުން] އަރައިގަތުމަށް އޮތީ ދިގު އަދި ގޮންޖެހުންތައް ގިނަ ދުވަސްތަކަކަށްވާތީ، އަޅުގަނޑަށް ހީވަނީ ދިގު މުއްދަތަށް ވިސްނާ ފިނޭންސް މިނިސްޓަރެއް ބޮޑުވަޒީރުގެ ގާތުގައި މިހާރު ހުރުން މުހިއްމުހެން،" މޯނޯ ވިދާޅުވި އެވެ.
އޭގެ ފަހުން ޓްރޫޑޯ ވަނީ އޭނާގެ ފިނޭންސް މިނިސްޓަރު ކަމަށް ބޮޑުވަޒީރުގެ ނައިބު، ކްރިސްޓިއާ ފްރީލޭންޑް އައްޔަން ކުރައްވާފަ އެވެ. އެއީ އެގައުމުގައި އެމަގާމަށް އަންހެން ބޭފުޅަކު އިސްވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މޯނޯ މިނިސްޓަރު ކަމުން ދުރަށް ޖެހިވަޑައިގަތް އިރު ކެނެޑާގެ އެތިކްސް ކޮމިޝަނަރު މާރިއޯ ޑިއޮން ގެންދަވަނީ މޯނޯ އާއި ޓްރޫޑޯއާ ގުޅުން ހުރި ޗެރިޓީއަކަށް ސަރުކާރުން ޖޫން މަހު 43.53 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ދިނުމުގެ މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.
އެގޮތުން ވީ ޗެރިޓީ ކިޔާ އެޖަމްއިއްޔާގައި މޯނޯގެ ދަރިކަނބަލަކު މަސައްކަތް ކުރައްވާ ކަމާއި އެހެން ދަރިކަނބަލަކު އެ ޗެރިޓީގެ ހަރަކާތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރެއްވިކަން ވަނީ ހާމަވެފަ އެވެ. އަދި އެޖަމްއިއްޔާ އިން ކެންޔާ އާއި އިކުއެޑޯގައި ކުރާ މަސައްކަތްތައް ބައްލަވާލެވުމަށް މޯނޯ އާއި އޭނާގެ އާއިލާ 2017 ވަނަ އަހަރު އެގައުމުތަކަށް ވަޑައިގެންނެވި އިރު ވީ ޗެރިޓީން އެ ދަތުރަށް 41،366 ޑޮލަރު ހަރަދު ކުރިކަމަށާއި މި އަހަރު އެ ފައިސާ އަނބުރާ ދެއްކެވި ކަމަށް މޯނޯ ވިދާޅުވި އެވެ.
މީގެ އިތުރުން، ފާއިތުވި ހަތަރު އަހަރު ތެރޭ ވީ ޗެރިޓީގެ ހަރަކާތްތަކުގައި ވާހަކަ ދެއްކުމަށް ޓްރޫޑޯގެ އާއިލާގެ ދެ މެމްބަރަކު 300،000 ޑޮލަރު ހޯއްދެވިކަން ވެސް ވަނީ ފަޅާ އަރައިފަ އެވެ.
ޓްރޫޑޯ ވަނީ އެ ކޮންޓްރެކްޓު ވީ ޗެރިޓީއަށް ދިނީ މިނިވަން ގޮތެއްގައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި މަހު އެ އެއްބަސްވުން ވަނީ ކެންސަލްކޮށްފަ އެވެ.