19 Aug 2020, 08:46
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މޮޅަށް ކުޅުނު އާރްބީ ލައިޕްޒިގް ފަސޭހަކަމާ އެކު ބަލިކުރުމަށްފަހު ޕީއެސްޖީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޕޯޗުގަލްގެ އެސްޓާޑިއޯ ޑަ ލުޒް ސްޓޭޑިއަމުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ޕީއެސްޖީ ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މިމަހުގެ 24 ވަނަ ދުވަހު ކުޅޭ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދި އިރު މިއީ އެ ޓީމުން މި މުބާރާތުގައި ވާދަކުރަން ފެށީންސުރެއް ފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.
ފަހު ވަގުތު ޖެހި ދެ ގޯލުން ކުރި ހޯދައިގެން އެޓްލަންޓާ ކަޓުވާލައި ސެމީއަށް ދަތުރު ކުރި ޕީއެސްޖީ ރޭގެ މެޗަށް ނުކުތީ މިދިޔަ މެޗުގައި އަނިޔާގެ ސަބަބުން ބޮޑުބައި ބެންޗުގައި ހޭދަކުރި ކިލިއަން އެމްބާޕޭއާއި، ސަސްޕެންޝަނުގެ ސަބަބުން ކުރީ މެޗުގައި ނުކުޅެވުނު އޭންހެލް ޑިމާރިއާ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ކުރީ މެޗާ ޙިލާފަށް އެ މެޗު ފަށައިގެން 13 ވަނަ މިނަޓުގައި ޕީއެސްޖީން ވަނީ ލީޑު ނަގައިފަ އެވެ. ޑިމާރިއާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ވައްދާލީ މާކީނިއޯސް އެވެ.
ޕީއެސްޖީގެ ގޯލަށްފަހު ލައިޕްޒިގުން ކުޅުން ރަނގަޅުކޮށް މޮޅަށް ކުޅެން ފެށި ނަމަވެސް ފުރަތަަމަ ހާފު ނިމެންދަނިކޮށް އެ ޓީމު ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕީއެސްޖީއަށް ލީޑު ފުޅާ ކޮށްދިނީ ޑިމާރިއާ އެވެ. އެ ގޯލު ޖެހުމަށް އޭނާއަށް އެސިސްޓް ކޮށްދިން ނޭމާ އެ ހާފުގައި ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލި އިރު ތިން ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒުނުވެ އެވެ.
ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ޕީއެސްޖީން އެ ޓީމުގެ ތިންވަނަ ގޯލު ވަނީ ޖަހައިފަ އެވެ. އެ ޓީމުގެ ވިންގަކަށް ކުޅެމުން އަންނަ ޖޫލިއަން ބާނަޓް ބޮލުން ޖަހައި އެ ގޯލު ވައްދާލި އިރު އިދިކޮޅު ޓީމުން ވަނީ އެ ގޯލު ޖެހި އިރު ޕީއެސްޖީން ފައުލު ކުރި ކަމަށް ބުނެ އެޕީލް ކޮށްފަ އެވެ. ނަމަވެސް ވީއޭއާރްގެ ލަފަޔާ އެކު އެ ގޯލު ވަނީ ޕީއެސްޖީއަށް ރެފްރީ ދީފަ އެވެ.
އުމުރުން އެންމެ 33 އަހަރުގެ ކޯޗަކާ އެކު ލައިޕްޒިގް މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިރު އެ ޓީމުން ވަނީ ރޭގެ މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރު އެލުވާ ނުލައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ޓީމުގެ ތަޖުރިބާ ނެތްތަން މެޗުގައި ފެނިގެން ދިޔައިރު އެ ޓީމަށް ދިމާވި ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތައް ނިންމާ ނުލެވުމެވެ.
އަނެއްކޮޅުން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ޕީއެސްޖީ ފައިނަލުން ފުރުސަތު ހޯދާފައިވާ އިރު އެ ޓީމާ ދެކޮޅަށް އެ މެޗުގައި ނުކުންނަ ޓީމެއް ޔަގީންވާނީ މިރޭ ބަޔާން މިއުނިކާއި ލިޔޯން ބައްދަލު ކުރާ މެޗަށް ފަހު އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00؛00 ގަ އެވެ.