ދުނިޔޭގެ މުސްތަގުބަލަށް އެކި ދާއިރާތަކުން ކުރެވޭނެ ދެމެހެއްޓެނިވި އީޖާދީ މަސައްކަތްތަކާ ބެހޭ ބައިނަލްއަގުވާމީބޮޑު މަހާސިންތާއެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖޭގައި ބާއްވާ މި ހަރަކާތުގެ ނަމަކީ "ފެން" ފެސްޓިވަލް" އެވެ. މިއީ "އޮޑިޓީ" އަދި ދަ އީކޯ އޯގްއިން ގުޅިގެން ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތުގެ ޕާޓްނަރުންގެ ތެރޭގައި ބީއެމްޑަބްލިއު އައި ވެންޗާޒް، ބަންޔަން ޓްރީ ގްލޯބަލް ފައުންޑޭޝަން، ފްލައިމީ، ޓޯކީޑޯ، ސްޓޭޖްކޯ އަދި ރިއު ހޮޓެލްސް ހިމެނެ އެވެ.

"ފެން"އިން ބުނާ ގޮތުގައި 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖޭގައި ބާއްވާ ފެން ފެސްޓިވަލް އޮންނާނީ ދ. އަތޮޅުގައި އޮންނަ، ބަންޔަން ޓްރީ ގްރޫޕުން ހިންގާ އަންގްސާނާ ވެލާވަރު ރިސޯޓާއި ރިއު އެޓޯލް ރިސޯޓުގަ އެވެ.

ފެން ފެސްޓިވަލްގެ ކޮންފަރަންސްގައިި ދުނިޔޭގެ އެކި ސިނާއަތްތަކުން ތަޖުރިބާކާރުން ބައިވެރިވާނެ އެވެ. އެގޮތުން ތަގުރީރުކުރާނެ ބައެއް ފަރާތްތަކުގެ ތެރޭގައި ގޫގްލް، ނޭޝަނަލް ޖޯގްރަފިކް، ބްރިޓިޝް ޕެޓްރޯލިއަމް، ސީއެންއެން، އޫބާ، ނާސާ، އައިއެމްއެފް، ބީއެމްޑަބްލިއު އަދި ޓޯކީޑޯ ފަދަ ކުންފުނިތަކާއި ޖަމިއްޔާތަކުގެ ލީޑަރުންނާއި އިންވެސްޓަރުން ހިމެނެ އެވެ.

މި ބޭފުޅުން ތަގުރީރުކުރައްވާނީ ހަކަތަ، ލައިފްސްޓައިލް، މޮބިލިޓީ، ޑިޒައިން، ތިމާވެށި، ސިއްހަތު، މީޑިއާ އަދި މާލީ ދާއިރާގެ މުސްތަގުބަލަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރެވޭނެ ގޮތްގޮތާއި އީޖާދުތަކާ ބެހޭގޮތުންނެވެ.

"ފެން" ފެސްޓިވަލްގެ ތެރެއިން އެކްސްޕޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އޭގެ ބޭނުމަކީ ސްޓާޓްއަޕް ކުންފުނިތަކާއި ޖަމިއްޔާތަކާއި އީޖާދުތައް އުފައްދާ ފަރާތްތަކުން އެމީހުންގެ އީޖާދުތަކާއި ހިދުމަތްތައް ދައްކާލުމެވެ.

"ފެން" ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނާ ގޮތުގައި އެ ފެސްޓިވަލް އޭޕްރިލް މަހުގެ ތެރޭގައި ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އިރު، ހަރަކާތުގެ އެކި ބައިތައް ކުރިއަށްދާނީ މުނިއަވަސް ފިލުވުމުގެ އެކިއެކި ހަރަކާތްތަކާވެސް އެކުގަ އެވެ.

"ފެން" ފެސްޓިވަލުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން، އެ ހަރަކާތުގެ ވެބްސައިޓު މެދުވެރިކޮށް މިހާރުޕްރީރެޖިސްޓާކުރެވޭނެ އެވެ.