11 Jan 2012, 10:48
ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) އިން އެކުލަބުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް މާކް ހިޔުސް އައްޔަން ކޮށްފި އެވެ. މިދިޔަ އާދީއްތަ ދުވަހު އެކުލަބުން ވަނީ ކުރީގެ ކޯޗު ނީލް ވާނޮކް މަގާމުން ދުރުކޮށްފަ އެވެ.
އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އެމްކޭ ޑޮންސް އާއި ދެކޮޅަށް ކިޔުޕީއާރު ކުޅުނު މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމުމަށް ފަހު، ދެން އިވިގެން ދިޔަ ހަބަރަކީ އެކުލަބުގެ ކޯޗުކަމުގެ މަގާމުން ވާނޮކް ދުރުކުރި ހަބަރެވެ.
ކުރިން ވޭލްސް ގައުމީ ޓީމަށާއި، ބްލެކްބާން އަށާއި، މެންޗެސްޓާ ސިޓީ އަދި ފުލަމް ކޯޗުކޮށްދިން ހިޔުސް އަށް ކިޔުޕީއާރުގެ ކޯޗުކަން ހަވާލުކުރީ އެކުލަބު ރެލިގޭޝަނަށް ވެއްޓުނަނުދީ ސަލާމަތްކޮށް ދިނުމަށް ކަމަށް ބެލެވެ އެވެ. ކިޔުޕީއާރު އަކީ މިސީޒަނުގައި ޗެމްޕިއަންޝިޕުން ޕްރެމިއާ ލީގަށް އަލަށް ކޮލިފައިވީ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެކެވެ.
"ފުޓުބޯޅަ އަށް އިތުރަށް ޚިދުމަތްކޮށް، ކިޔުޕީއާރުގެ ކޯޗުކަމާއި ހަވާލުވެވުމުން ވަރަށް ހިތްހަމަ ޖެހިއްޖެ. ކުޑަ ދުވަސްކޮޅަކަށް ނުވަތަ ދިގު މުއްދަތަކަށް ކޯޗުކަން ކުރުމަށް ފުރުސަތު ލިބުނަސް، ވާދަވެރިވާން މިހިރީ ތައްޔާރަށް. އަހަރެން ކިޔުޕީއާރާއި މި ހަވާލުވީ ޓީމުލައްވާ މޮޅު ފުޓުބޯޅަ އެއް ކުޅެ ޓީމަށް ކާމިޔާބީ ހޯދައިދިނުމަށް." ހިޔުސް ބުންޏެވެ.
ކޯޗުކުރުމުގެ ކެރިޔަރު ހިޔުސް ފެށީ ވޭލްސް ގައުމީ ޓީމުންނެވެ. އެ ޓީމަށް ހިޔުސް ވަނީ 1999 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރަށް ކޯޗުކަން ކޮށްދީފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ހިޔުސް ފެނުނީ ބެލްކްބާންގެ ކޯޗުގެ ގޮތުގަ އެވެ. އެއަށް ފަހު އެއް އަހަރު ދުވަހު މެންސިޓީ އަށް ކޯޗުކޮށްދިނުމަށް ފަހު އެންމެ ފަހު ހިޔުސް ފެނުނީ ފުލަމްގެ ކޯޗެއްގެ ގޮތުގައި ހުއްޓަ އެވެ.