19:00


މާލިއްޔަތު ޤާނޫނަށް ގެނެސްފައިވާ އިސްލާހެއްގެ ސަބަބުން ރައްޔިތުންނަށް ލިބިދޭންޖެހޭ އެއްވެސް ހިދުމަތަކަށް ބުރުލެއް އަރާފާނެ ކަމަށް ގަބޫލްފުޅު ނުކުރައްވާ ކަމަށް ޑީއާރުޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަސްމީން ވިދާޅުވީ ރައްޔިޔުންގެ މަޖިލީހުން ކަންތައްތައް ކުރިގޮތުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ އެކިއެކި އަސާސީ ހިދުމަތްތައް ދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެގެން އުޅޭ ވާހަކައަކީ ހަޤީޤަތުގައި އޭގައި އެއްވެސް އާސާސެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. އަދި މީގެ ކުރިންވެސް ބިލެއް ތަސްދީގް ނުކުރައްވާ ފޮނުވާލެއްވުމުން އެބިލަކާ މެދު ރައްޔިތުންގެ މަޖިލީހުގައި އަލުން ވިސްނާފައިވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި މިކަންތައްތައް މިގޮތަށް އޮއްވާ އެގޮތަށް ވާހަކަ ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން އިތުރަށް ވިދާޅުވީ މާލިއްޔަތުގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހްގެ ސަބަބުން ސަބްސިޑީ ދިނުމުގައި ދަތިތަކާ ކުރިމަތުވެފައިވާ ކަމަށް ވިދާޅުވާ ކެބިނެޓް އިސްތިޢުފާދެއްވާފައިވާއިރު އެ ސަބްސިޑީ މިއަހަރަށް ބަޖެޓް ހުށަހެޅިއިރު ވެސް ކަނޑައަޅާފައިނުވާ ކަމަށާއި އެ ސަބްސިޑީއަކީ މަޖިލީހުގެ ތެރެއިން ގެނެސްފައިވާ އިސްލާހްތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ސަބްސިޑީއެއް ކަމަށެވެ.


ތަސްމީން ވިދާޅުވީ ޤާނޫނު އަސާސީ ތަސްދީޤުކުރައްވާ އެޤާނޫނު އަސާސީ ދަމަހައްޓަވާ ވާހަކަ ސަރުކާރުން ދައްކާނަމަ އެޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން އަމަލްވެސް ކުރަންވާނެ ކަމަށެވެ.