ސްވިޓްޒަލެންޑްގެ މަޝްހޫރު ޗޮކްލެޓް ބްރޭންޑް ކަމަށްވާ ލިންޓްގެ ފެކްޓްރީއެއްގެ ތެރޭގައި ދިމާވި މެލްފަންކްޝަނެއްގެ ސަބަބުން އެގައުމުގެ އަވަށަކަށް ޗޮކްލެޓް ބުރައި މުޅި އަވަށަށް ޗޮކްލެޓްގެ "ވާރޭ" ވެހިއްޖެ އެވެ.

ސްވިޓްޒަލެންޑްގެ ޒިއުރިކް އާއި ބޭސެލްއާ ދެމެދުގައި އޮންނަ އަވަށެއް ކަމަށްވާ އޯލްޓެންގައި ހުރި ލިންޓް ކުންފުނީގެ ފެކްޓްރީއެއްގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި އަވަށަށް ވަނީ ޗޮކްލެޓް އެޅިފަ އެވެ. އެގޮތުން ފެކްޓްރީގެ ވެންޓިލޭޝަނުން ވަނީ ޗޮކްލެޓްގެ ކުނޑިތަކެއް، ސްނޯ ހެން މުޅި އަވަށަށް ކަހަލަ ގޮތަކަށް އެޅިފަ އެވެ.

އަވަށުގެ ރައްޔިތުންނަށް ފުރަތަމަ އެ މަންޒަރު ފެނުމުން ލިބުނީ ބޮޑު ޝޮކެކެވެ.

އެ ކުންފުނިން ވަނީ ޗޮކްލެޓް ފެކްޓްރީގެ ތެރޭގައި މައްސަލައެއް ދިމާވިކަން ކަށަވަރުކޮށްދީފަ އެވެ. އަދި ޗޮކްލެޓް އާއި ކޮކޯ ޕައުޑާވެސް އެކީގައި ބުރައިގެން ގޮސް އަވަށަށް އެޅިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެންޓިލޭޝަނުން ބޭރުވި ޗޮކޮލެޓް ކުޑި ކާރަކަށް އެޅިފައި\ --- ފޮޓޯ : ޑެއިލީމެއިލް

"ކާރެއް އެއްކޮށް ކަވަރު ވާ ވަރަށް ވަނީ ޗޮކްލެޓް އެޅިފައި. އެހެންކަމުން އެއްވެސް ކާރެއް ސާފުކުރަން ބޭނުންވާނަމަ އެކަމަށް ބޭނުންވާ ހަރަދުތައް އަޅުގަނޑުމެން ކުރާނެ،" އެ ކުންފުނީން ބުންޏެވެ.

އެހެންނަމަވެސް އެއްވެސް ފަރާތެއް، ކާރު ނުވަތަ އެނޫންވެސް އުޅަނދެއް ސާފުކުރުމަށް ބޭނުންވެ އެދިފައި ނުވާ ކަމަށްވެސް އެކުންފުނީން ފާހަގަކޮށްފައިވެ އެވެ.

އެކުންފުނިން ބުނީ، މަގުމައްޗަށް އެޅުނު ޗޮކްލެޓް އާއި ކުނޑިކޮޅުތަކަކީ އޭގެން ތިމާވެށްޓަށް އެއްވެސް އަސަރެއް ކުރާނެ އެއްޗެއް ނޫން ކަމަށެވެ.

އެ މައްސަލައަށްފަހު ފެކްޓްރީގެ ވެންޓިލޭޝަން ވަނީ މިހާރު ރަނގަޅުކޮށްފައި ކަމަށް އެކުންފުނީން ބުނެ އެވެ.