18 Aug 2020, 20:05
ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނިސްޓްރީ ތެރެއިން ހިނގައިދިޔަ ކޮރަޕްޝަނާއި މަކަރާއި ހީލަތް ކުރިޔަށް ގެންދިޔައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ނިވާފަތްގަނޑަކަށް ހަދައިގެންކަމަށް އޮޑިޓާ ޖެނެރަލް ހަަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ޒިޔަތު މި މޭރުމުން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓް އޮފީހުގެ އިސްވެރިން ހާޒިރުކޮށްގެން ކުރިޔަށް ދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ. މިއަދު އޮތް ބައްދަލުވުމުގައި ކުރިޔަށް ދިޔައީ ހެލްތު މިނިސްޓްރީއިން ކޮވިޑް-19ގެ ހާލަތުގައި ހިންގި ހަރަދުތަކާ ގުޅޭ ގޮތުން ހެދުނު އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ހޯދައި ސުވާލުކުރުމުގެ މަސައްކަތެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވިގޮތުގައި ވެންޓިލޭޓަރުތައް ގެނައުމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ކުރިޔަށް ދިޔަ މުއާމަލާތްތައް ހިނގައިދިޔައީ ދެ ދުވަހެއްގެ ތެރޭގައި ވަރަށް އަވަސް އަރުވާލެވިގެންނެވެ. އަދި އެ ކަންތައް އަވަސް އަރުވާލުމުމުގެ ބޭނުންތެރިކަން ސާބިތުކޮށްދިނުމަށް ޑަބްލިއުއެޗްއޯގެ ނަން ވަރަށް ބޮޑަށް ބޭނުންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ޑަބްލިއުއެޗްއޯގެ މިކަމުގެ ތެރެއަށް ވަންނަ ހިސާބަކީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހުރި އިރު އެތަނުގައި އޮތް ބައްދަލުވުމެއްގެ ތެރެއިންނެވެ. ބައްދަލުވުމުގައި ބައިވެރިވި ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް އަރިހުން ރާއްޖެއަށް ވެންޓިލޭޓަރު ހޯދަން ދަތިވުމުން އެހީތެރިކަމަށް މިނިސްޓަރު އަމީން އެދިވަޑައިގަތް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
"ދެން ޑަބްލިއުއެޗްއޯއަށް ލިބުނު ކޮންޓެކްޓްސް ޝެއާ ކުރީ. ދެން މިހުރީ އީމެއިލްއެއް ފައިނޭންސް އެގްޒެކިއުޓިވްއަށް ޑަބްލިއުއެޗްއޯ މެދުވެރިވެ އެ ކޮމިއުނިކޭޓް ކުރަން. އެހެންވީމަ އިނިޝިއޭޓް މި ނަގަނީ އެ އައި ރިކުއެސްޓާ ގުޅިގެން ފައިނޭންސް އެގްޒެކެޓިވް." އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ސުވާލަށް ޖަވާބުދެއްވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ ބިޑު ކޮމިޓީ ބޭއްވިތާ އެއް ދުވަސްތެރޭ ގާނޫނީ ލަފާ ލިބި އޭގެ މައްޗަށް ގޮތް ނިންމި، އެޑްވާންސް ޕޭމަންޓް އަދި އެގްރިމެންޓުގައި ސޮއިކުރެވުނު ކަމަށެވެ. އެ ހުރިހާ ކަމަކަށް ދެ ދުވަސް ވަރު ހޭދަވިކަމަށް ލިޔެކިޔުންތަކުން ފެންނަން އޮތްކަމަށް އޮޑިޓަށް ވަނީ ފާހަގަކުރެވިފައެވެ.
"ރަނގަޅު، އެ ހާލަތު އޮތް ކްރިއޭޓް ވެފައި [އުފެދިފައި]. އަވަހަށް މި [ވެންޓިލެޓަރު] ބޭނުން. އެހެންނަމަވެސް އަވަހަށް ޖަސްޓިފައި ކުރަން ޑަބްލިއުއެޗްއޯ މި ދައްކަނީ. ހުދު އަޅުގަނޑުމެން އެންމެންވެސް، ހުރިހާ ދިވެހި ރައްޔިތުންވެސް ތިބީ ޑަބްލިއުއެޗްއޯ އިންވޯލްވްވާކަމަށް ހީކޮށް. ބިޑު ކޮމިޓީއިންވެސް ފޮނުވާފައި އޮންނަނީ، މިނިސްޓަރާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވްއާ މަޝްވަރާކޮށްގެން މި ފަރާތް މިވަނީ ސެލެކްޓް ކޮށްފައޭ ކިޔާފަ ފޮނުވަނީ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އެހެންނަމަވެސް ޑަބްލިއުއެޗްއޯގެ ކިބައިން ސާފުކުރެވުނު ކަންކަމުގެ މައްޗަށް ބަލައި އެ ޖަމިއްޔާއިން އެއްވެސް ކުންފުންޏެއް ރިކޮމެންޑް ނުކުރާކަމަށް އަދި އެ ޖަމިއްޔާގެ ހިއްސާއެއްވެސް މިކަމުގައި ނެތްކަން ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
މިފަދަ ބޮޑު މުއާމަލާތެއްގައި މިހާ ގިނަ ކަންކަން ފުރިހަމަ ނުވެ ދިޔަ އިރު މިކަމުގައި ޑަބްލިއުއެޗްއޯގެ ނަން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ޒިންމާއިން ބަރީއަވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މިއޮތީ ޑަބްލިއުއެޗްއޯއިން ބުނެފަ، ތިމަންނަމެން އެއްވެސް ކުންފުންޏެއް ރިކޮމެންޑެއްވެސް ނުކުރާކަމަށް، ތިމަންނަމެން އެ އައި ކޮންޓެކްޓް ޝެއާ ކުރީ އޭ. އެހެންވީމަ އޭގެ ޒިންމާ އެހާ ހިސާބުން ޑަބްލިއުއެޗްއޯގެ ނަން ބޭނުންކޮށްގެން މި މުއާމަލާތް ހިންގައިގެން އޭގެން ބަރީއަ ވެވޭނެކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޯގަސްޓް 18. 2020: ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން.
އޮޑިޓް ރިޕޯޓުގައި ވާ ގޮތުންނަމަ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ޑަބްލިއުއެޗްއޯއާ އެއްވެސް މުއާމަލާތެއް އެއްވެސް އިރަކު ކުރެވިފައެއް ނުވެ އެވެ. އަދި ކުންފުނީގެ ވެބްސައިޓް ބެލިބެލުމުން ވެބްސައިޓްވެސް އޮތީ "އަންޑަ ކޮންސްޓްރަކްޝަން"ގައި ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ ޔަގީންކުރެވޭ ޑަބްލިއުއެޗްއޯގެ އިންވޯލްވްމެންޓެއް މީގަ ނެތްކަން. އެކަމަކު ކޮންޓެކްޓެއް ޝެއާ ކުރިކަން. އެހިސާބަކުން ނުނިމޭ. ޑަބްލިއުއެޗްއޯއެކޭ ކިޔައިގެން މިހާ ބޮޑު މުއާމަލާތެއް ނުނިމޭ. މާލިއްޔަތު ގަވާއިދުގެ އެބަ ހުރޭ ޒިންމާތަކެއް ބިޑް ކޮމިޓީއަށް،"
އޮޑިޓާ ޖެނެރަލް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ވަރަށް ބައިވަރު ސުވާލު އަދިވެސް އެބަ ހުއްޓެވެ. އަދި ތަހުގީގަކަށް އެދުނީ ހެލްތު މިނިސްޓްރީގެ އޮފިޝަލުންގެ ކިބައިން ޖަވާބުނުލިބޭ ސުވާލުތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އެ ވެސް ހަމަ ތަހުގީގަކުން އެ ޖަވާބުތައް ލިބޭނެކަމަށް އަޅުގަނޑުމެންވެސް ގަބޫލުކުރަނީ." އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އޮޑިޓް ރިޕޯޓުން ޑަބްލިއުއެޗްއޯގެ ނަން ބޭނުންކޮށްގެން ނުވަތަ އެ ޖަމިއްޔާގެ ވަކި ވަކި މުވައްޒަފުންނާ ގުޅިގެން ވައްކަންކޮށްފައިވާކަން ދޭހަވާ ކަމަށެވެ.
"މި އޮޑިޓް ރިޕޯޓުން އަޅުގަނޑަށް ފާހަގަކުރެވެނީ ދެ ކަމެއް. އެއީ ޑަބްލިއުއެޗްއޯގެ ބޮލުގައި އަޅުވާފައި ގަނޑެއް ގަނެ ނިންމާފައި މިއޮތީ. 30 މިލިއަން ރުފިޔާ އާންމު ބަހުރުވައިން ބުނާކަމަށް ވާނަމަ ކަޓުވާލާފައި މިއޮތީ. ދެން އަނެއް ގޮތަކީ ޑަބްލިއުއެޗްއޯގެ ކޮންމެވެސް މުވައްޒަފުންތަކަކާ ގުޅިގެން އެމީހުންގެވެސް ބައިވެރިވުމާއެކު އަނެއްކާވެސް ބަޔަކު އެއޮތީ އެކަމެއް ކޮށްފައި،" އަސްލަމް ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަމީން އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުން ދުރަށް ޖެހިވަޑައިގެންފައި ވާ އިރު ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއްވެސް ވަނީ މިކަމާ ގުޅިގެން ސަސްޕެންޑް ކުރެވިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު މި މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.