11 Jan 2012, 09:52
ދިމިޝްޤު (ޖަނަވަރީ 11) : ސޫރިޔާގެ ދަސްތޫރަށް އިސްލާޙީ ބަދަލުތައް ގެނަސް މިނިވަން އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ބައްޝާރުލްއަސަދް ވިދާޅުވެއްޖެ އެވެ.'
ގައުމާ މުހާތަބު ކުރައްވައި ދިމިޝްޤު ޔުނިވާސިޓީގައި ރޭ ދެއްވި ހިތާބެއްގައި އަސަދް ވިދާޅުވީ ސޫރިޔާގެ ރައްޔިތުންގެ ތާއީދު އޭނާގެ ވެރިކަމުގެ ނިޒާމަށް އެބަ އޮތް ކަމަށާއި ވެރިކަން ވައްޓާލުމަށް މަސައްކަތްކުރަނީ ބޭރުގެ އެޖެންޑާއެއްގެ ދަށުން ހަރަކާތްތެރިވާ މަދު އަދަދެއްގެ ބައެއް ކަމުގަ އެވެ.
އަސަދްގެ ހިތާބުގައި ސަރުކާރާދެކޮޅަށް މުޒާހަރާކުރަމުން ގެންދާ ފަރާތްތަކާ ދެކޮޅަށް ބާރު ބޭނުންކުރަނީ އަމަން ގާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ސުރިޔާގެ ސަލާމަތީ ބާރުތަކުގެ ހަމަލާތަކުގައި ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި 3 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަސަދްގެ ވާހަކާގައި ސޫރިޔާއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި މިއަހަރުގެ ކުރީކޮޅު ގައުމުގެ ދަސްތޫރަށް އިސްލާޙީ ބަދަލުތައް ގެނަސް މިއަހަރުގެ މެދެއްހާ ހިސާބު މިނިވަން އިންތިހާބެއް ބާއްވައި ޑިމޮކްރެޓިކް އުސޫލުން ސަރުކާރެއް ގާއިމް ކުރަން ރާވާފައިވާކަން ހާމަކުރެއްވި އެވެ. އަސަދްގެ ހިތާބުގައި އަރަބި ލީގަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަރަބި ލީގުން ސޫރިޔާއާ މުއާމަލާތް ކުރަނީ ބޭރުގެ އެޖެންޑާތަކާ އެއްގޮތަށް ކަމަށް ތުހުމަތު ކުރެއްވި އެވެ.'
ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ އަސަދްގެ ހިތާބަކީ ބޮޑު އޮޅުވާލުމެއް ކަމަށް ސިފަކޮށްފަ އެވެ. އަދި ސޫރިޔާގެ މައްސަލަ ސަލާމަތީ މަޖިހަށް ފޮނުވައިގެން ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އިދިކޮޅު ލީޑަރުން ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލެއްވި އެވެ. އަސަދުގެ ހިތާބާ ދެކޮޅަށް ސޫރިޔާގައި އެތަށް ހާސް ބަޔަކު މިހާރު މުޒާހަރާކުރަމުން ގެންދާ ކަމަށް ހަބަރު ލިބެ އެވެ.(އަލްޖަޒީރާ)