ކޮވިޑް-19 އާ ގުޅިގެން މިހާރު އޮތް ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދެމުންދާއިރު، ކިޔަވައިދެމުންދާ ގަޑިތަކުގެ ދިގުމިނަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމަށްފަހު، ސްކޫލުތަކަށް ހާޒިރުވެ ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ހުރިހާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކުގައިވެސް ތަފާތު މަންސަތަކުގެ އެހީގައި ދަނީ ދަރިވަރުންނަށް ކިޔަވައިދެމުން ކަމަށެވެ.

އެގޮތުން ކިޔަވައިދޭ ޕީރިއަޑުތަކު ދިގުމިނަށް ވަނީ މިހާރު ބަދަލު ގެނައުމަށް ނިންމާފައި ކަމަށް މިނިސްޓްރީއިން ބުންޏެވެ. މިނިސްޓްރީއިން ބުނީ މީގެކުރީން 45 މިނެޓަށް ނަގައިދެމުން ގެންދިޔަ ޕީރިއަޑުތަކުގެ ދިގުމިން ވަނީ މިހާރު 35 މިނެޓަށް ކުރު ކުރުމަށް ނިންމާފައި ކަމަށް މިނިސްޓްރީއިން ބުންޏެވެ. މިނިސްޓްރީއިން ބުނީ އެގޮތަށް ނިންމާފައިވަނީ ޕްރިންސިޕަލުންނާއި ޓީޗަރުންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

އަދި އެ ބަދަލުތަކާއެކު ހަފްތާއެއްގައި މާއްދާއަކަށް ކިޔަވައިދޭ ވަގުތަށްވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އަލަށް ގެންނަ ބަދަލާއެކު ސެޝަންގެ ތެރެއިން އަތް ދޮވުމާއި އެހެން ކަންކަމަށް އެއްގަޑިއިރު ލިބޭގޮތަށް ސެޝަންގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެ ގޮތަށް ކްލާސްތައް ރޭވުމަށް އެދޭ ކަމަށެވެ.

އަދި އުސޫލުގައި ބުނެފައިވާ ގަޑިއަށް ފެތޭ ވަރަށް ކްލާސް ނުގެންދެވޭ ނަމަ އެ ގަޑި އޮންލައިންކޮށް ނެގުމަށްވެސް ސާކިއުލާގައި ފާހަގަކޮށްފައިވެ އެވެ.

މި މަހުގެ 23 އިން ފެށިގެން ކްލާސްތަކުގެ ގަޑިއަށް ބަދަލު ގެނެސް ކްލާސްތައް ބައްޓަން ކުރުމަށް މިނިސްޓްރީގެ ސާކިއުލާގައި ވަނީ އަންގާފަ އެވެ.