އާންމުންގެ މެދުގައި އެންމެ މަގްބޫލު ހިންދީ ޗެނަލް ސްޓާޕްލަސް އިން އާ ޑްރާމާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

"ލޮކްޑައުން ކީ ލަވް ސްޓޯރީ"ގެ ނަމުން ނަންދީފައިވާ މި ސީރީޒް އަކީ ކޮވިޑްގެ ސަބަބުން ލޮކްޑައުންކޮށްފައިވާ ދަނޑިވަޅެއްގައި ދެމީހެއްގެ ދެމެދުގައި އުފަންވާ ލޯބީގެ ވާހަކަ އެވެ.

މި ޑްރާމާގެ ޕްރޮމޯއެއް މިހާރު ސްޓާޕްލަސްއިން ގެނެސްދީފައިވާއިރު މި ޑްރާމާއަކީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭނެ ސިލްސިލާއެކެވެ. ޑްރާމާގެ ފިރިހެން ލީޑުން ފެނިގެންދާނީ ސްޓާޕްލަސްއިން ގެނެސްދިން "ކުލްފީ ކުމާރު ބާޖެވޭލާ"ގެ ތަރި މޯހިތު މަލިކެވެ. އަދި އަންހެން ލީޑުން ފެނިގެންދާނީ "ދިވްޔާ ދްރިޝްތީ"ގެ ބަތަލު ސަނާ ސައްޔިދެވެ.

ލޮކްޑައުން ކީ ލަވް ސްޓޯރީ ދައްކާނެ ދުވަހެއް އަދި އިއުލާންކޮށްފައިނުވާއިރު ސްޓާޕްލަސްއިން އަންނަނީ އާ ޑްރާމާއެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ "ޝާދީ މުބާރަކް" އެވެ. މި ޑްރާމާ ދައްކާނީ މި މަހު 24ގަ އެވެ.