ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓް ގާޑް މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ދިރިއުޅުނު މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމި ނިންމުން އަލުން ރީ އޯޕަންކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީގެ ރައީސް، މަރިޔަމް ޝިއުނާ މިއަދު "ސަން" އަށް ވިދާޅުވީ އެއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ނޫން ކަމަށް ނިންމާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ ތަފްސީލު ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އަދި އަލުން އެ މައްސަލަ ރީ އޯޕަން ކުރުމަށް ޕީޖީގެ ފަރާތުން އެދުމުން މިހާރު އެ މައްސަލަ އާ ތަހުގީގު ޓީމަކާ ހަވާލުކޮށްފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެގޮތުން "އިތުރު ލޮލަކުން" މައްސަލަ ބެލުމަށްޓަކައި އާ ތަހުގީގު ޓީމަކާ މައްސަލަ ރިވިއުކުރަން ހަވާލު ކުރެވިފައިވާތާ ދުވަސްކޮޅެއް ވެފައިވާކަމަށެވެ.

"މީޑިއާތަކަށް މި މައްސަލަ ތިލަވުމުގެ މާކުރިން ވެސް، މައްސަލަ ރިވިއު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި،" އޭނާ ވިދާޅުވިއެވެ.

ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ސެންޓަރުގެ ގޯތިތެރޭ ހުންނަ ވީއައިޕީ ގޭގައި މޭޖާ ޖެނެރަލް ޝިޔާމްގެ ބައްޕާފުޅު 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދާއި ހަމައަށް ދިރިއުޅުއްވި އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި އޭސީސީ އިން ބުނެފައިވަނީ ޖެނެރަލް ޝިޔާމްގެ ބައްޕާފުޅު އެތަނުގައި ދިރިއުޅުއްވާ ގޮތަށް ހަމަޖެހުނީ ޗީފް އޮފް ޑިފެންސް ފޯސްގެ އެންގެވުމުގެ މަތިން ކަމަށާއި، ސިފައިންގޭގައި އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ވީއައިޕީ ގޭގައި، ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކޯސްޓްގާޑުގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން، އެކި ފަރާތްތަކުގެ ހުރުން ހަމަޖެހޭ ކަމަށް އެ ކޮމިޝަނަށް ލިބިފައި ހުރި މައުލޫމާތުން އެނގޭ ކަމަށެވެ.

އެ މައްސަލަ އޭސީސީ އިން ނިންމާފައިވަނީ، ވީއައިޕީ ގޭގައި އެމްއެންޑީއެފްގެ ކުރީގެ ޗީފް މޭޖާ ޖެނެރަލް ޝިޔާމްގެ ބައްޕާފުޅުގެ ހުރުމުގެ ކަންކަން ހަމަޖައްސާފައިވަނީ އެ ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ނުބެލެވޭ ކަމަށެވެ.

މި މައްސަލަ އޭސީސީ އިން ބަލަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. މި މައްސަލާގައި ކޮރަޕްޝަން ނުހިމެނޭކަމަށް ނިންމާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އޭސީސީން އެ މައްސަލަ ނިންމި ގޮތާ ގުޅިގެން، އެ ކޮމިޝަންގެ މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ މައްސަލައެއް އަމިއްލަ ފަރާތަކުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.