މާލޭ ޖަލުގެ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިއަދު ބުނެފައިވަނީ މާލޭ ޖަލުގެ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކާމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި މަހުގެ ފަސްވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އޮފިސަރަކީ ގައިދީންނާ އެއްވެސް ވަރަކަށް ކޮންޓެކްޓް ވެފައިވާ އޮފިސަރެއް ނޫން ކަމަށްވިނަމަވެސް ބައެއް އޮފިސަރުންނާ ކޮންޓެކްޓު ވެފައިވާ އޮފިސަރެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެގޮތުން ޕޮޒިޓިވްވި އޮފިސަރާ ކޮންޓެކްޓުވި ކަމަށް ބެލެވޭ އޮފިސަރުން ވަނީ އެޗްޕީއޭގެ އިރުޝާދުތަކުގެ މަތީން ކަރަންޓީނުކޮށްފައި ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ. ކަރެކްޝަންްސް އިން އިތުރަށް ބުނެފައިވަނީ ކަރަންޓީނުކޮށްފައިވާ އޮފިސަރުންގެ ހާލަތު ބަލަމުން ގެންދާ ކަމަށާއި ބައެއް އޮފިސަރުންގެ މޮނިޓަރުންގެ މުއްދަތު ހަމަކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ކޭސް ފެނުނު ނަމަވެސް އެ ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތީން ޖަލުތަކުގައި މެދުކެނޑުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ. އެގޮތުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ގައިދީއެއް ބަންދުގައި ހުރި މީހެއް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށްވެސް ކަރެކްޝަންސް އިން ފާހަގަކޮށްފައިވެއެވެ.