18 Aug 2020, 16:32
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަނެއްކާވެސް ކެނޑިޑޭޓުންތަކެއްގެ ނަން އަނބުރާ ގެންގޮސްފި އެވެ. މިފަހަރު ވަނީ ހަތަރު ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ. އޭގެ ފަހުން ވަނީ މީގެކުރީންވެސް ވަނީ 23 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ނަން އަނބުރާ ގެންދިޔަކެންޑިޑޭޓުންގެމައުލޫމާތު އާންމުކޮށްފަ އެވެ.
މިފަހަރު ނަން އަނބުރާ ގެންގޮސްފައި ވަނީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ދެ ކެނޑިޑޭޓުންނާއި އެމްޑީޕީގެ ފަރާތުން އިންތިހާބަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 27 ކެންޑިޑޭޓެއްގެ ނަން މިހާތަނަށް ގެންގޮސްފައިވާއިރު ފަސް ކެންޑިޑޭޓެއްގެ ނަން ވަނީ އިލެކްޝަންސް ކޮމިޝަނުން އުނިކޮށްފަ އެވެ. އެ ކެންޑިޑޭޓުންގެ ތެރޭގައި ނިޔާވި ކެނޑިޑޭޓެއް ހިމެނެ އެވެ.
މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.