11 Jan 2012, 09:49
ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް ދިޔަ ޓީއެމްއޭގެ ބޯޓުގެ ބުރަފަތީގައި ޖެހި މަރުވި ކުރޫގެ ހަށިގަނޑު ރޭ ދަންވަރު މާލެގެގެނެސް ފަތިސްނަމާދަށް ފަހު ވަޅުލައިފި އެވެ.
އިއްޔެ ރަންގައްޔަށް ދިޔަ ޓީއެމްއޭގެ ބޯޓް އެޅުމުގެ މަސައްކަތުގައި އުޅެނިކޮށް ޕްލެޓުފޯމުން ކައްސައިލައިގޮން ގޮސް ބުރަފަތީގައި ޖެހި މަރުވެފައި ވަނީ މ. މަޑުއްވަރީ، ފެހިފަރުދާގެ އިސްމާއިލް ހަމްދޫން، 20، އެވެ.
ހަމްދޫނު ބުރަފަތީގައި ޖެހުނީ ވާރޭވެހުމުގެ ސަބަބުން ތެމިފައިވާ ޕްލެޓްފޯމް މަތިން ހިނގާފައި ދަނިކޮށް، ކައްސައިލައިގެން ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.
ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ ބުރަފަތީގައި ޖެހުމާ އެކު ހަމްދޫނު މޫދަށް ވެއްޓުނު ކަމަށާއި އޭނާ މޫދުން ނެގީ ރިސޯޓުގެ ޑައިވަރުންގެ ޓީމެއް ގޮސްގެން ކަމަށެވެ.
އަދި އޭނާގެ ޖަނާޒާ އަށް މާލެ ގެންނަންދެން ހަށިގަނޑު ބާއްވާފައި އޮތީ އެ ރިސޯޓުގެ ކުލިނިކްގަ އެވެ.
އެ ހާދިސާއާ ގުޅިގެން ޓީއެމްއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހާދިސާ ހިނގި ވަގުތު ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ހަމްދޫންގެ އާއިލާ އަށާއި ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރިސޯޓަށް ދިޔަ ޓީއެމްއޭގެ ބޯޓެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ދިޔަކަމަށެވެ.