ގއ. ވިލިނގިލީގައި ބޯޓް އެހެލުން މަނާކޮށްފައިވާ ސަރަހައްދަށް ބޯޓެއް އެހެލަން އުޅުމުން އެކަން ހުއްޓުމަށް ކޯޓުން އަމުރު ކުރުމުން އެކަމާ ހިތްހަމަ ނުޖެހި އެ ރަށު މީހަކު ގާޒީ އަށް އިންޒާރުދިނުމުން އެ މީހާ ހައްޔަރުކޮށްފި އެވެ.

ގެމަނަފުށީ ކޯޓުގެ މެޖިސްޓްރޭޓް، އަބްދުﷲ ފަހުމީ ބެއްލެވި މައްސަލާގައި އޭނާ އަށް އިންޒާރުދީފައި ވަނީ އެ ރަށު އިރުމަތީއާގޭ ޝުހޫދު އަހުމަދު ކަމަށާއި މިހާރު އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ކޯޓް އޮފިސަރު ރަޝީދު އަހުމަދު ވިދާޅުވި އެވެ.

ޝުހޫދު ހައްޔަރުކޮށްފައި ވަނީ، ކޯޓް އޮފިސަރު ވިދާޅުވި ގޮތުގައި، ކޯޓުން އޭނާ ހައްޔަރުކުރުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

ރަޝީދު ވިދާޅުވީ ރޭ 7:30 އެހާކަންހާއިރު ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓާއި ކޮލަމާފުށީ ކޯޓުގެ މެޖިސްޓްރޭޓާ އެކު ފަހުމީ ކޯޓުން ނުކުންނަވަނިކޮށް ފަހުމީ އާ ދިމާލަށް އަތްހޫރުވުމަށް ފަހު "ވިސްނައިގެން އުޅެއްޗޭ" މިހެން ބުނެ ޝުހޫދު އިންޒާރު ދީފައިވާ ކަމަށެވެ.

ގެމަނަފުށީ ކޯޓުގެ މެޖިސްޓްރޭޓް އަބްދުﷲ ފަހުމީ ސޮއިކުރައްވައި ރޭ ވިލިނގިލީ ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނަނީ އެ ރަށު އިރުމަތީއާގޭ ޝުހޫދު އަހުމަދު ދުއްވާ "ވިލިބޯޓް" ބޯޓުފަހަރު އެހެލަން މަނާކޮށްފައިވާ ސަރަހައްދަކަށް އެހެލަން އުޅޭތީ ވިލިނގިލީ ކައުންސިލް އިދާރާ އިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިންމެންދެން ބޯޓު އެހެލުމުގެ މަސައްކަތް "މިހިނދުން މިހިނދަށް" ހުއްޓާލުމަށް ޝުހޫދުއަށް އަންގައި އަމުރުކުރާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝުހޫދު ހައްޔަރުކުރުމަށް ކޯޓުން އަމުރުނެރުމުން ހައްޔަރުކޮށްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ޝުހޫދު އަކީ ވިލނގިލީ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ވާދަކޮށް އިންތިޚާބުގައި ނާކާމިޔާބު ވެފައިވާ މީހެކެވެ.