18 Aug 2020, 16:35
އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިވެހި ރާއްޖޭގެ ދުވުންތެރިންނަަށް އަމާޒުކޮށްގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ދުވުމަށް ރަޖިސްޓްރީވުމަށް އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާނެކަން އިއުލާން ކޮށްފި އެވެ.
އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ދުވުމުގެ މި ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ދުވުމެވެ.
ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ މި ދުވުން ހުރިހާ އަތޮޅެއްގައި ވެސް ކުރިއަށް ގެންދަން ހަމޖެހިފައިވާ އިރު ދުވުން ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި މި ހަރަކާތުގެ 15 ކިލޯމިޓަރު ރިލޭގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ 20 ދުވުންތެރިއެކެވެ.
މި މަހުގެ 28 ގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ދުވުން ކުރިއަށް ގެންދަން ރާވާފައިވާއިރު، ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ދުވަން ބޭނުންވާ ރާސްތާއެއް ކަނޑައަޅާ އަންގަން ޖެހޭނެ އެވެ. އަދި އުރީދުން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ހަނދާނީ ލިއުމާއި މެޑަލް ދޭނެ އެވެ.

އުރީދޫ އަތޮޅު ދުވުމުގައި ބޭނުން ކުރެވޭ އެޕްލިކޭޝަންތައް ---
މީގެ އިތުރުން އުރީދޫއިން ބުނީ "އަތޮޅު ރަން" ކުރިއަށްދާއިރު މީސްމީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ. އެހެންކަމުން މި ދުވުން ވެގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ދުވުމަކަށް ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫން ބުނީ އަތޮޅު ރަންގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދީ އެޗްޕީއޭ ގެ ގައިދުރުކަން ބަހައްޓަންޖެހޭ މިންގަނޑުގެތެރެއިން ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫން ދައުވަތުދޭ ކަމަށެވެ.
އެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ވެސް "ކަލަރަން" ގެ ނަމުގައި ވެސް ދުވުމެއް ބާއްވަމުންނެވެ. މި ދުވުން މާލޭގެ އިތުރު އައްޑޫގައި ވެސް މިހާރު ބާއްވާފައިވެ އެވެ.