މަސްވެރިންނަށް ލިބެންޖެހޭ އެތައް ހައްގުތަކަކުން މަހުރޫމުވެ އެ މަސްވެރިން މަގުމައްޗަަށް ނިކުންނަ ހިސާބަށް ގޮސްފައިވާތީ އެކަންކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އެއް ވޯޓުގެ ތަފާތުން ތަޅުމުން ބޭރުވެއްޖެ އެވެ.

ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ޒަމާނުއްސުރެން މަސްވެރިން އައީ އެ ދުވަހު ބާނާ މަސްކޮޅު ކިރާލުމަށްފަހު އެ ލިބޭ ފައިސާ އިން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ކަމަށާއި ނަމަވެސް މިހާރު ފެންނަމުން ދަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދީ ފައިސާ ހޯދުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭ މަންޒަރު ކަމަށެވެ.

"އެ މައްސައްކަތް ކުރަން މަސްވެރިންނަށް މަޖުބޫރުވުމުން މަސްވެރި އާއިލާތައް އިތުރަށް ބިކަވެ ދިވެހި ޖުމްހޫރިއްޔާއިން އެ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތަކުން އެ ފަރާތްތައް މަހުރޫމްވެފައިވާތީ،" ޖާބިރުގެ ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

އެ ހާލަތުގައި އުޅުމުން ދަނިކޮށް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މަސްވެރިން އިތުރަށް ބިކަވެ ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އެގޮތުން ޗައިނާއާ އެކު ރާއްޖެ އިން ސޮއި ކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ތެރެއިން މަސްވެރިންނަށް ލެބެން ޖެނޭ މަންފާތަކާއި ހައްގުތައް ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށް އެ ކަންތައްތައް ހައްލު ކުރުމަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.

ހައްގުތައް ނުލިބި އެ ފަރާތްތަކުގެ ހައްގު މިންވަރުން މަހްރޫމްވުމުގެ ސަބަބުން މަސްވެރިން ތިބީ މަގުމައްޗަށް އިހުތިޖާޖަށް ނިކުންނަ ހިސާބުގައި ކަން ޖާބިރު ވަނީ ފާހަގަކޮށްފަ އެވެ.

ޖާބިރުގެ އެ ކުއްލި މައްސަލަ މަޖިލީހުން ބޭރުވެގެން ދިޔައީ އެއް ވޯޓުގެ ތަފާތުންނެވެ. އެގޮތުން އެ ވަގުތު މަޖިލީހަށް ހާޒިރުވެ ވަޑައިގަތް ތިއްބެވި މެންބަރުންގެ އަދަދުން މައްސަލަ ބަލައިގަތުމަށް 19 ވޯޓު ލިބެން ޖެހާއިރު މައްސަލަ ބޭރުވެގެން ދިޔައީ އެއް ވޯޓު މަދުވެގެންނެވެ.

މައްސަލަ ބަލައިގަތުމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް 19 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ 'ސްޕާރ މެޖޯރިޓީ' އޮންނަ ރައްޔިތުންގެ މަޖިލީހުގައި ނަގާ ގިނަ ވޯޓުތައް އެ ޕާޓީގެ ފިކުރާއި އެއްކޮށް ފަރަގު ބޮޑު ކޮށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ނިމިގެން ދެ އެވެ. ނަމަވެސް ވާދަވެރިކޮށް ފަރަގު ކުޑަކޮށް ދެ ކޮޅަށް ބެހިގެން ދަނީ މަދު ވޯޓެކެވެ.

މަސްވެރިންނާ ގުޅޭ ކުއްލި މައްސަލައެއް މިއަދު ޖާބިރު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، އިއްޔެ ވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް އޭނާ މަސައްކަތް ކުރެއްވި އެވެ. އެ މައްސަލަ ހުށަހަޅުއްވާނެ ކަން އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު މާރުކޭޓު ސަރަހައްދުގައި އަޑުގަދަކުރާ ބޭނުންކޮށްގެން މަސްވެރިންާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ. އަދި މަސްވެރިން އެކަން ހިނގާ ގޮތް ބެލުމަށް ވެސް ޖާބިރު އެދިވަޑައިގަތެވެ.

ނަމަވެސް ދެ މެންބަރަކު ކުއްލި މައްސަލަ ހުށަހަޅާފައި އޮތުމުން ގުރުވަތުލައިގެން ޖާބިރުއަށް ވަނީ ފުރުސަތު ނުލިބިފަ އެވެ.