ނިއުދިއްލީ (ޖަނަވަރީ 11) : އިންޑިޔާގެ ގިނަ ބަޔަކަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބި ބޮޑު ޕަސެންޓެއްގެ ކުޑަކުދިން ކާޑުބަލިޖެހިފައިވުމަކީ މުޅިއިންޑިޔާ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އެޤައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ކުޑަކުދިންގެ ތެރެއިން 42 ޕަސެންޓް ކުދިންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބޭކަން އަމިއްލަ ޖަމާއަތަކުންކުރި ސަވޭއަކުން ހާމަވުމާގުޅިގެން ދެއްވި ބަޔާނެއްގައި ސިންގް ވިދާޅުވީ މިއީ މުޅި އިންޑިޔާ ލަދުވެތިވާން ޖެހޭ ކަމެއްކަމަށާއި މިކަން ހައްލުކުރަން ޤައުމީ ފެންވަރުގައި އަވަސް މަސައްކަތް ތަކެއް ކުރަންޖެހިފައިވާ ކަމުގަ އެވެ.

ރަނގަނޅަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން އިންޑިޔާގެ ކުޑަކުދިންގެ ތެރެއިން 59 ޕަސެންޓް ކުދިން ރަނގަނޅަށް ހެދިބޮޑުނުވާ ކަންވެސް ހިލޭސާބަހަށް މަސައްކަތްކުރާ މިޖަމާއަތުންކުރި ސަރވޭން ހާމަވެފައިވެ އެވެ.
އިންޑިޔާގެ ޕާލަމެންޓްގެ ބައެއް މެންބަރުންވެސްވަނީ މިމައްސަލާގައި ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އިންޑިޔާގެ ޕާލަމެންޓްގެ ބައެއް މެންބަރުން ވިދާޅުވީ ބައިނަލްއަޤްވާމީ ބާރަކަށް އިންޑިޔާ ބަދަލުވަމުންދާއިރު އިންޑިޔާގެ ދެބައިކުޅައެއްބައެއްހާ ކުޑަކުދިން ދުނިޔޭގެ އެންމެ ފަގީރު ސަރަޙައްދު ކަމަށްވާ ސަބްސަހަރަން އެފްރިކާގެ ޤައުމުތަކުގެވެސް އެންމެ ފަގީރުންގެ ޙާލަތުގައި ތިބުމަކީ ޤައުމީ ވަރަށް ބޮޑު މައްސަލައެއް ކަމުގައެވެ.
އިންޑިޔާ ކުޑަކުދިންގެ ޙާލަތު މިހެންހުރިއިރު އެޤައުމުގެ 92% މައިންގެ ކިބާގައި އެމީހުންގެ ދަރިންނަށް ކާންދިނުމުގެ މިންގަނޑުތަކާބެހޭ އެއްވެސް ހޭލުންތެރިކަމެއްނެތްކަންވެސްމި ސަރވޭންވަނީހާމަވެފައެވެ. (ރޮއިޓާސް)